ވިލިމާލޭގައި ސަތޭކަ އެނދުގެ އައު ހޮސްޕިޓަލެއް މި ފެށޭ އަހަރުގެ ތެރޭގައި އަޅަން ފަށްޓަވާނެކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ވިލިމާލޭގައި ސަތޭކަ އެނދުގެ އައު ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމަވާފައި ވަނީ މި ފެށޭ އަހަރުކަން ފާހަގަކުރައްވައި ސިއްޙީ ކަންކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ތިން އަހަރު ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ނިންމާ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި ސަތޭކަ އެނދުގެ އައު ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާއިރު ޗައިނާ ސަރުކާރުގެ އިސް ވަފްދެއް މިއަދު ވަނީ ވިލިމާލޭ ހޮސްޕިޓަލަށް އިއްޔެ ޒިޔާރަތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.

ހަލީލް ވިދާޅުވީ ވިލިމާލޭގައި މިވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މައިގަނޑު ބޭނުމަކީ ވިލިމާލޭގެ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް ދާން ޖެހޭ ތަކުލީފުކުޑަކޮށް، މާލޭގައި ހުރި ހޮސްޕިޓަލްތަކަށް ބާރު ކުޑަކުރުންކަމަށެވެ. އަދި ވިލިމާލޭގައި އަލަށް އަޅާ ހޮސްޕިޓަލަކީ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއްކަން ފާހަގަކުރައްވަައި ހަލީލު ވިދާޅުވީ މުހިއްމު ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމްތައް އެހޮސްޕިޓލުން ހަމަޖެހިގެންދާނެކަމަށެވެ. ހަމައެހެންމެ މި ފެށޭ އަހަރު ހޮސްޕިޓަލްގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްފަހު ގިނަވެގެން ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް އެތަނުން ހިދުމަތް ލިބޭނެކަމަށް ޑރ. ހަލީލް ވަނީ ވިދާޅުވެފައެވެ.

މި ހޮސްޕިޓަލުން ވީހާވެސް އަވަހަށް ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަ ހާމަކުރައްވައި ސިއްހަތާބެހޭ ވުޒާރާގެ ވަޒީރު ޑރ ހަލީލު ވިދާޅުވީ ވިލިމާލޭގައި މިއީ ތިމާވެއްޓާ ރަށްޓެހި ކޮންސެޕްޓަކަށް ތަރައްގީ ކުރާ ހޮސްޕިޓަލެެއް ކަމަށެވެ.

މިވަގުތު ވިލިމާލެ ހޮސްޕިޓަލް ހިންގަމުންދަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ބެލުމުގެ ދަށުންނެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވެސް މިކަމާ ގުޅިގެން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ހަލީމް ވިދާޅުވީ މިހާރު ހުރި ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމުން ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ. އަދި ހޮސްޕިޓަލް ޢިމާރަތް ކުރުމުގެ މަސައްކަތް ފަށްޓަވާނީ ވިލިމާލޭގެ ރައްޔިތުންނަށް އަސާސީ ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހުގައި ކަމަށާއި އިމަޖެންސީ ހާލަތްތަކަށް "ސީ އެންބިއުލާންސެ" ބާއްވާނެކަމަށެވެ.