ފެނަކަ ކޯޕަރޭޝަނުން އެހެން ކުންފުނިތަކަށް ދައްކަންޖެހޭ 3.2 ބިލިއަން ރުފިޔާގެ ދަރަނި ކުރިއަށް އޮތް ދެ އަހަރުތެރޭ ދައްކާ ނިންމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެކުންފުނިން ހާމަ ކޮށްފިއެވެ.

އެ ކުންފުނިން އިއްޔެ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، އެ ކުންފުނީގެ ބޮލުގައި ބޮޑު ދަރަންޏެއް އެެޅިފައިވާ ކަމަށާއި، އެ ދަރަންޏާއި އެކީގައި ކުރިއަށްދާން ޖެހޭ ކަަމަށެވެ. އެ ކުންފުނީގެ ލޯނުގެ ގޮތުގައި 871 މިލިއަން ރުފިޔާ އެބައޮތެވެ. އެކި އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ 3.2 ބިލިއަން ރުފިޔާއަށް އަރާއިރު، ކުންފުނީގެ ދަރަނި ޖުމްލަ 4.16 ބިލިއަން ރުފިޔާއަށް އަރައެވެ.

ފެނަކައިގެ ޗީފް ފައިނޭންޝަލް އޮފިސަރު އަލީ މުހައްމަދު ވިދާޅުވީ ކޭޝްފްލޯ މެނޭޖްކުރެވިއްޖެނަމަ ހަރަދު ކުޑަ ކުރުމުގެ އިތުރު ޕްލޭންތަކާއި ނުލާ ވެސް ކުރިއަށް އޮތް ދެ އަހަރުތެރޭ ކުންފުނިތަކަށް ދައްކަންޖެހޭ 3.2 ބިލިއަން ރުފިޔާ ދެއްކޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހަމައެއާއެކު ޚަރަދުތައް ކުންފުނިން މެނޭޖުކުރެވިއްޖެނަމަ އެއްށްވުރެ އަވަހަށްވެސް ފައިސާ ދެއްކޭނެ ކަމަށް ބެލެވޭ ކަމަށް އެކުންފުނިން އަލީ ވިދާޅުވިއެެވެ.

ކުންފުނި މިހާ ދަށު ދަރަޖައަކަށް ދާން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ކުންފުނީގެ ދަރަނި ވަރަށް ބޮޑު ކަމަށެވެ.

އެގޮތުން އިންހައުސްކޮށް ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް ހިންގަމުން ގޮސްފައިވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުުން ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިފަދަ މަޝްރޫއުތަކުގެ ތެރެއަށް ވަދެފައި ވަނީ ބޯޑުގެ ނިންމުމެއް ނެތި ކަމަށް މުއާޒް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިވަގުތުވެސް އިންހައުސް ޕްރޮޖެކްޓްގެ ގޮތުގައި 60 ޕްރޮޖެކްޓް އޮތްއިރު، ގިނަ ޕްރޮޖެކްޓްތައް ހުރީ ހުއްޓިފައެވެ.

"އެންމެ މުހިންމު ކަމަކީ ކުންފުނީގެ ޚަރަދުތައް ކުޑަކުރުން. ދެން އޭގެ އިތުރަށް ރެވެނިއު އިތުރުކުރެވޭގެ ގޮތްތައް އިތުރު ކުރަން ވިސްނުން އެބަހުރި. އެކަންތައްތައް އިރާދަކުރެއްވިއްޔާ ދަރަނިން ސަލާމަތްވުމަށްޓަކައި މަސައްކަތްތަކެއް މިކުރަނީ. ދެން ސަރުކާރާވެސް އަޅުގަނޑުމެން އެބަ ވާހަކަ ދައްކަން މި ދަރަނިން ސަލާމްތަވުމަށްޓަކައި ސަރުކާރުގެ ފަރާތުން ބައެއް އެހީތެރިކަން ހޯދުމަށްޓަކައިވެސް އަޅުގަނޑުމެން އެބަ އެދެން. އަދި ކުރިއަށް އޮތް ތަނުގައި ދަރަނިތައް ދެއްކުމަށްޓަކައި ޕްލޭން ވަރަށް ފުޅާކޮށް އަޅުގަނޑުމެން މިޔާދޭނަން. ވަކި ދުވަހެއް އަޅުގަނޑަށް ދަންނަވަން ދަތި މިވެނި ދުވަހެއްގެ ކުރިން ދަރަނިތައް ދައްކާ ހަލާސްކޮސްލާނެ ކަމަކަށް.". މުއާޒް ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ވީހާވެސް ގިނަ ފަރާތްތަކަކަށް ދަރަނީގެ ފައިސާ އަވަހަށް ދެވޭނެ ގޮތެއް އޮތްތޯ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން އާއްމުކޮށް އެ ކުންފުނިން ޚިދުމަތްތައް ހޯދަން ޖެހޭ ކުންފުނިތަކަށް ދަރަނި ދެއްކުމަށް އިސްކަން ދޭނެ ކަމަށްވެސް ވިދާޅުވިއެވެ