ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް، ފަސްޓްކްލާހުގައި ދަތުރުކުރެއްވީ ބިޒްނަސްކުލާހުގައި ޖާގަނެތީމަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުހައްމަދު ޝަހީބް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މީގެއިތުރުން މި ބައްދަލުވުގައި ޝަހީބް ވަނީ ނައިބު ރައީސް، މިމަހު 4 އިން 14 އަށް "ޗައިނާ -އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް ސަރުކާރުން ވައުދުވެފައިވާ ގޮތަށް ހާމަކުރައްވާފައެވެ.

އެގޮތުން ޗައިނާ އަދި ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ހަރަދަކީ 3،189،544.58 އެވެ. އެއީ އެ ދެ ދަތުރުފުޅުގެ ޓިކެޓްގެ ޖުމްލަ ހަރަދަކީ 2،413،029.54 އެވެ. އަދި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޖުމްލަ ހަރަދަކީ 180،735.90 އެވެ. އަދި ޗައިނާ ދަތުރުފުޅުގައި ވަފުދުގެ ބޭފުޅުންނަށް ހުރުމާއި، ފަރިއްކޮޅާއި، އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް ހަމަޖައްސަވައިދެއްވާފައި ވަނީ ޗައިނާގެ ސަރުކާރުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ހަރަދަކީ 595،779.14 އެވެ.

ރައީސް ވަނީ އެމަނިކުފާނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.