މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ބޯޑުގައި މަސްވެރިން ތަމްސީލް ކުރާނެ ފަރާތެއް ހޯދަން ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި މަސްވެރިންގެ ފަރާތުން މީހަކު މިފްކޯ ބޯޑަށް ހަމަޖައްސަނީ މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިންނެވެ. މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލް ކުރުމަށް ކުރިމަތިލައި އައްޔަން ކުރާ މީހުންގެ ކިބައިގައި ހަތަރު ޝަރުތެއް ފުރިހަމަ ވާން ޖެހޭނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.

އެއީ ދިވެހި ރައްޔިތަކު ކަމުގައިވުމާއި މަސްވެރިކަމުގައި މިހާރު ވެސް ހަރަކާތްތެރިވާ މީހަކަށްވުމާއި އުމުރުން 18 އަހަރުވެފައިވާ މީހަކަށްވުމާއި ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރި ކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފް ކުރެވުނުތާ ފަސް އަހަރުވެފައިވާ މީހަކަށް ވާން ޖެހޭނެއެވެ.

މިކަމަށް ޝައުގުވެރިވާ މަސްވެރިން ބޯޑު މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ކުރިމަތިލާ މީހަކީ މިވަގުތު މަސްވެރިކަން ކުރާ މީހެއް ކަން އަންގައިދޭ ރަށު ނުވަތަ ސިޓީ ކައުންސިލްގެ ލިޔުމަކާއި އައިޑީ ކާޑް ހުށަހަޅަން ޖެހޭނެއެވެ.

މި ބޯޑަށް ކުރިމަތިލާން ޝައުގުވެރިވާ މީހުން ޖެނުއަރީ 11 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މިނިސްޓްރީ އަށް ހުށަހަޅަން ޖެހެއެވެ.