އައްޑޫ ސިޓީއާ ކައިރިން އިންޑިއާ ކަނޑަށް ބާރުގަދަ 4 ބިންހެލުން އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްރީލަންކާގެ ޖިއޮލޮޖިކަލް ސާވޭ އެންޑް މައިންސް ބިއުރޯ (ޖީއެސްއެމްބީ) އާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބިންހެލުންތަކާ ގުޅިގެން އެގައުމަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިސްފައިވަނީ 4.8 މެގްނިޓިއުޑް 10 ކިލޯމީޓަރު އަޑިން ކަމަށާއި އޭގެ ފަހުން 5.2 މެގްނިޓިއުޑް، 5.8 އަދި 5.0 މެގްނިޓިއުޑް ގެ ތިން ބިންހެލުން ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

ދެވަނަ އަދި ހަތަރުވަނަ ބިންހެލުން (5.2 މެގްނިޓިއުޑް އަދި 5.0 މެގްނިޓިއުޑް) އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިން ކަމަށާއި، އަދި ތިންވަނަ ބިންހެލުން (5.8 މެގްނިޓިއުޑް) އައިސްފައިވަނީ 7.7 ކިލޯމީޓަރު އަޑިން ކަމަށްވެސް ޔޫއެސްޖީއެސް އިން ބުނެފައިވެއެވެ.

ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ކާލްސްބާގް ރިޖަށް މިއަދު ހެނދުނު އައި މި ހަތަރު ބިންހެލުމާ ގުޅޭ މައުލޫމާތު ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާތަނަށް ހާމަކޮށްފައިނުވެއެވެ. ނަމަވެސް ބޭރުގެ ބައެއް މީޑީއާތަަކުން އެކަން ރިޕޯޓުކޮށްފައިވާއިރު، އެ ބިންހެލުންތައް އައިސްފައިވަނީ އައްޑޫ ސިޓީ ހިތަދޫއާ 920 ކިލޯމީޓަރު ދުރުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.