މާލޭގެ ގެއެއްގެ ބަދިގޭގައި ގޭސް ލީކުވެ، ހިނގި ހާދިސާއެއްގައި އަންހެނަކު ފިހިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މ. ބްލޫލައިޓް 6 ވަނަ ފަންގިފިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގުމުން، އެމްއެންޑީއެފްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެމްއެންޑީއެފްއަށް އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 14:20 ހާއިރުއެވެ. މިއާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފެށިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ގޭސް އެކްސްޕްލޯޝަން ހިނގާފައިވަނީ ގޭސް ފުޅިން އުނދުނަށް ގުޅާފައި އިން ހޮޅި ބާރުކުރަން އިން ނަޓު ދޫވެފައި ހުއްޓަ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި ފަޔަރ ފައިޓަރުން ވަނީ މިހާރު އެ އުނދުނަށް ގުޅާފަ އިން ހޮޅި ރަނގަޅުކޮށް، އެކަން ހައްލުކޮށްދީފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގައި އެގޭގައި ދިރިއުޅޭ ދިވެހި އަންހެނެއްގެ ހަށިގަނޑުގެ %10 ފިހިފައިވާ ކަމަށެވެ. އަދި އޭނާއަށް އަވަސް ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާދެމުންނެވެ.

މި ގޭސް އެކްސްޕްލޯޝަންގެ ހާދިސާގައި އެ ގޭގެ ދޮރެއްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައި ވެއެވެ.