ފައިސާ ޗާޕުކުރުން ސަރުކާރުން ހުއްޓާލައިފި އެވެ.
ފިނޭންސް މިނިސްޓްރީއިން ބުނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް އަމަލުކުރުން ސަސްޕެންޑް ކުރުމަށްފަހު ޕަބްލިކް ބޭންކް އޯވާޑްރޯ ކުރުން ހުއްޓާލާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީއިން ބުނީ ކޮވިޑް 19 ގެ ހާއްސަ ހާލަތާ ގުޅިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް އަމަލުކުރުން ސަސްޕެންޑް ކުރެވުނު މުއްދަތު އާދިއްތަ ދުވަހު ހަމަވާތީ ޕަބްލިކް އޯވާޑްރޯކުރެވިފައި ހުރި މިންވަރު އިއްޔެ ސެކިއުރިޓައިޒް ކުރެވިފައިވާ ކަމަށެވެ.
އެއާއެކު ސަރުކާރުގެ ހަރަދު މެނޭޖްކުރުމަށް އެމްއެމްއޭ މެދުވެރިކޮށް އެ ހާލަތުގައި ކުރެވުނު ރުފިޔާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފައިސާ ޗާޕުކުރުން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ފައިސާ ޗާޕްކުރަނީ އެއްވެސް ބެލުމެއް ނެތި ކަމަށާއި އެގޮތުން މީގެ ކުރީގެ 40 އަހަރު ހިނގި ހުރިހާ ވެރިކަމެއް އެއްކޮށްުމުން ވެސް އެ 40 އަހަރުގެ ތެރޭގައި ޗާޕްކުރި ޖުމްލަ އަދަދަކީ ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ ކަމަށެވެ. އެހެންނަމަވެސް މި ފަސް އަހަރު އެކަނި 8 ބިލިއަން ޗާޕްކޮށްފައިވާ ކަމަށާއި އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ފައިސާ ޗާޕްކުރަން ދީފައިވާ އިސްތިސްނާ މި އަހަރުގެ ނިޔަލަށް ހަމަވުމުން، އެކަން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހަށް އަންގަވާއިރު އޭގެ ފަހުން ފިނޭންސް މިނިސްޓްރީއިން ވަނީ ދަރަންޏަށް ފައިސާ ނެގުމާއި ފއިސާ ޗާޕުކުރުމުގެ އިސްލާހު އުވާލަން ރައްޔިތުން މަޖިލީހަށް ފޮނުވާފައެވެ.