މަދިރިން ރައްކާތެރިވުމަށްޓަކައި ސާފުކުރުމުގެ ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެދިވަޑައިގެންފިއެވެ.

ނައިބުރައީސް މިކަމަށް އެދިވަޑައިގަތީ މުޅި ރާއްޖޭގައި މަދިރި ނައްތާލުމަށް ކުރިއަށްގެންދާ ގައުމީ ކެމްޕެއިން ފަށްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖެއަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ނައްތާލެވިފައިވާ ގައުމަކަށް ވިޔަސް، ފައިލޭރިއާ ފަދަ ބައެއް ބަލިތައް ފެނުމަކީ ކަންބޮޑުވުމެއް ކަމުގައި ނައިބުރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެފަދަ ބަލިތަކަށް ހާއްސަ އަހަމިއްޔަތުކަމެއްދީ މުއައްސަސާތަކުން ފެށި މި ގައުމީ ކެމްޕެއިނަކީ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާޙަގަކުރެއްވިއެވެ.

ނައިބު ރައީސް ވަނީ މި ކެމްޕެއިނަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ސާފުކުރުމުގެ ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ތާރީހުގައި އަޅުގަނޑުމެން ވަނީ އެކަން އެގޮތަށް ދައްކައިދީފައި. އިޖުތިމާއީ މިންގަނޑަށް ފެތޭނެ ގޮތަށް ތަންތަން ބެހެއްޓުން މުހިންމު. މަދިރި އާލާ ނުވާގޮތަށް ތަންތަން ބެހެއްޓުމަށް ސަމާލުކަން ދެއްވާ،" ނައިބު ރައީސް ވިދާޅުވިއެވެ.

"މަދިރިން ރައްކާ" މި ކެމްޕެއިނަކީ ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ގިނަ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ގައުމީ ހަރަކާތެކެވެ.