ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނުކަމަށް އައްޔަނުކުރި މުހައްމަދު ޝަހީބު އެ މަޤާމުން ވަކިކޮށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ބަދަލުކޮށްފިއެވެ.

މި ބަދަލު ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާރު ގެނެސްފައިވާއިރު ތަރުޖަމާނުގެ ރަސްމީ އެކްސް ހޭންޑްލް އިން ވެސް ޝަހީބުގެ ފޮޓޯ ވަނީ އުނިކޮށްފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްކަން ކުރިން ކުރެއްވި ޝަހީބު ތަރުޖަމާނުކަމަށް އައްޔަނުކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހުގައެވެ.

ތަރުޖަމާނުކަމަށް އައްޔަނުކުރި ފަހުން ބޭއްވި ނޫސްވެރިންގެ ދެ ބައްދަލުވުމުގައިވެސް ޝަހީބުގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކުން ނޫސްވެރިންގެ ކަންބޮޑުވުންތައް އެކި މީޑިއަމްތަކުގައި ހިއްސާކޮށްފައިވެއެވެ.

މި ފަހުން ތަރުޖަމާނުގެ މަޤާމުގައި ޝަހީބު ހުންނެވިނަމަވެސް ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންގެންދެވީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ.