ސޯޝަލް ހައުސިންގ ޔުނިޓުތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން 31 ޑިސެމްބަރު 2023 ވަނަ ދުވަހާއި ހަމައަށް އަރާފައިވާ ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ހަފްތާ14ގެ މަގު ޗާޓުގެ ދަށުން މައާފުކޮށްދޭން ނިންމާފައިވާކަމަށް އާބަންކޯ އިން ބުނެފިއެވެ.

އާބަންކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖޫރިމަނާ މައާފްކުރުމަށްފަހު ފްލެޓަށް ބާކީ ނުދެއްކި ހުރި ފައިސާގެ އަދަދު ބަހާލައިގެން ދެއްކޭނެ ނިޒާމެއްވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ‘އެއްބަސްވުމަށް ގެނެވޭ ބަދަލުތަކުގެ’ ތެރޭގައި އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ. އާބަންކޯ އިން ބުނީ އެއާއެކު ފައިސާ ދިނުން ލަސްވެގެން ނަގާ ޖޫރިމަނާއަކީ ކޮންމެ މަހަކު ދައްކަންޖެހޭ އަދަދުގެ %1 ކަމުގައި ކަނޑައެޅިގެން ދާނެކަމަށެވެ.

މި ބަދަލާއެކު ދުވަހުން ދުވަހަށް ޖޫރިމަނާ އިތުރުނުވެ، ޖޫރިމަނާ ނަގާ އަދަދު ދުރާލާ ދެފަރާތަށްވެސް އެނގިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

އާބަންކޯ އިން ބުނީ ޖޫރިމަނާއަށް ކުރިން އަހަރަކަށް %18 ދައްކަން ޖެހޭއިރު، މި ބަދަލާއެކު މަހަކު ނެގޭ %1 ޖޫރިމަނާ ސަދަގާތް ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެއްބަސްވުމުން ބަދަލުކުރުމަށް ނުވަތަ ދައްކަންޖެހި ނުދެއްކިވާ ފައިސާ ބަހާލައިގެން ދެއްކުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 10 ޖަނަވަރީ 2024 ގެ ކުރިން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށަހަޅަން ޖެހޭނެއެވެ.

އާބަންކޯ އިން ބުނީ އެ ކޯޕަރޭޝަނަކީ އަބަދުވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކޮށް ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.