ހުތުބާ ކިޔުމަށް ޒުވާނުންނަށް ހުޅުވާލުމާއެކު، 100 ޒުވާނުން ހުތުބާ ކިއުމުގެ ފުރުސަތަށް އެދިއްޖެއެވެ.

މިކަން ހާމަކުރައްވާ އިސްލާމިކު މިނިސްޓަރ ޑރ. ޝަހީމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ހުތުބާ ކިއުމުގެ ހުއްދަ އަށް އެދި 100 ޒުވާނުން ކުރިމަތިލައިފައިވާ ކަމަށެވެ.

އަދި އެ ފަރާތްތަކުގެ އިންޓަރވިއު އަންނަ ހަފްތާގައި ފަށާނެ ކަމަށާއި އެއަށް ފަހު ފިޤުހީ ތަމްރީނުތަކެއް ދެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

''އެއަށް ފަހު އިންޝާ ﷲ މި ޒުވާނުން މިންވަރުތަކުން ފެނިގެންދާނެ. ރޯދަ މަހުގެ ކުރުން މިހުރިހައިކަމެއް ނިމޭނެ'' .
ޑރ. ޝަހީމް ވިދާޅުވިއެވެ

އިސްލާމިކް މިނިސްޓްރީން ވަނީ އިމާމްކަމުގެ ތަމްރީނު ކުރިއަށްދާނީ އަތޮޅުތަކުގައ އުޅޭ މީހުންނަށް އަތޮޅުތަކުގައި ކަމަށާއި އަދި މާލެ ސަރަހައްދުގައި އުޅޭމީހުންނަށް މާލޭގައި ތަމްރީންތައް ކުރިއަށް ގެންދާ ގޮތަށްވެސް ވަނީ ހަމަޖެހިފަވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ތަމްރީނު ދެވޭނީ މޮސްކް މެނޭޖްމަންޓް، ހުތުބާ ކިޔުމުގެ ފަންނު، ޖަނާޒާގެ ކަންކަން، އިމާމުގެ އަހުލާގު، މިސްކިތުގެ ދައުރު، ނަމާދު ފިގުހަށެވެ.

ގްރޭޑް 10ން 11 އަދި 12 ގެ ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރުއާން ކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާ ކިޔުމުގެ ހުއްދަ ދެއްވުމަށް އިސްލާމިކް މިނިސްޓީން ނިންމަވާފައިވާކަން އިއުލާންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.