މޫސުން ގޯސްވުމުގެ ސަަބަބުން މެދުކަނޑާލި އަމީނީމަގުގެ މަސައްކަތް އަލުން ފަށައިފިއެވެ.

މާލެއަށް ބޯކޮށް ވެހުމުގެ ސަބަބުން ފެންބޮޑުވި މަގުތަކުގެ ތެރޭގައި އަމީނީމަގު ގައި މުޅީންހެން ވަނީ ފެންބޮޑުވެފައެވެ. އެހެންވެ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވަނީ އަމީނީމަގުގެ މަސައްކަތް ވަގުތީގޮތުން އިއްޔެ މެދުކަނޑާލައިފައެވެ.

އާރުޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މޫސުން ރަނގަޅަށް އޮތުމުގެ ސަބަބުން އިއްޔެ އަމީނީމަގުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.

"މޫސުން ރަނގަޅު ނަމަ ކުރިންވެސް ކުރަމުން އައިގޮތަށް 24 ގަޑިއިރު މަސައްކަތް ކުރިއަށްދާނެ،" އާރުޑީސީން ބުންޏެވެ.

އަމީނީމަގުގެ ނުނިމި އޮތް ދެ ބައި ހެދުމުގެ މަސައްކަތް އާރުޑީސީން ފަށާފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ހެދުމަށް ވަނީ ހަމަޖެހިފައެވެ.