އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން މޯބައިލް ފާހަނާތައް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާގެ އެތަކެއް ރައްޔިތުން ދިރިއުޅެމުން ދިޔަ ގެތައް ސުންނާފަތި ކޮށްލާފައިވާއިރު، ގިނަ ރައްޔިތުން މިވަގުތު ބޯހިޔާވަހިކަން ހޯދަމުން އަންނަނީ ރެފިއުޖީ ކޭމްޕްތަކުގައެވެ. މިފަދަ ކޭމްޕްތަކުގައި އާންމުން ތިބި ނަމަވެސް ފާހަނާ ކުރުމުގެ ނިޒާމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އައިއޭސީން ބުނީ، "ޣައްޒާގެ އެތެރޭގައި އަޅުގަނޑުމެންގެ ޓީމުން" ތައްޔާރުކޮށް، ހާލުގައި ޖެހިފައިވާ ރައްޔިތުން ދިރިއުޅެމުންދާ ކޭމްޕްތަކުގައި ބެހެއްޓުމަށް މަަސައްކަތް ކުރާ ފާޚާނާތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މި ފާޚާނާތަކުގެ ސަބަބުން އެތަންތާގައި ދިރިއުޅޭ އެތަކެއް ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

"މި ފާޚާނާތައް ހެދި ހަރުކުރެވެމުންދާއިރު ފެން ރައްކާ ކުރެވޭނެ ޓޭންކެއް ވެސް މިއާއިއެކު ބެހެއްޓޭނެ. ތިޔަ ބޭފުޅުންނަށް ޣައްޒާ އެމަރޖެންސީ ފަންޑަށް މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ." އައިއޭސީން ބުންޏެވެ.

އައިއޭސީން ޣައްޒާގެ ރައްޔިތުންނަށް މޯބައިލް ފާހަނަތައް ހަދައިދެމުން އަންނައިރު، އެ ޖަމިއްޔާއިން ވަނީ ނިރުބަވެރިންގެ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މީގެ ކުރިން ވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެރައްޔިތުން ކެއުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވާއިރު، އެހެން ގޮތްގޮތުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިފަދަ އެހީތައް އައިއޭސީން ދެމުން އަންނަނީ ގިނަ ދިވެހިންގެ އެހީތެރިކަމާއި އެކީކަން ވެސް ފާހަގަކޮށްލެވެއެވެ.