މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ބައްޕަ މުހައްމަދު ގާސިމްގެ ޖަނާޒާ އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވުމަށް ނިންމައިފިއެވެ.

ނ. ކުޑަފަރީ އަށް އުފަން ގާސިމް، އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. ގާސިމް ރަށުގައި އުޅުއްވަނިކޮށް ދިމާވި އާލާސްކަންފުޅަކާ ގުޅިގެން މާލެ ވަޑައިގެން އޭޑީކޭގައި އެޑްމިޓްކޮށްފައި އޮތްތާ ދުވަސްތަކެއްވެއްޖެއެވެ.

ސިޔާމްގެ ބައްޕަގެ މޫނު ދެއްކުން މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ. އަދި، އަސުރު ނަމާދަށް ފަހު ގާސިމްގެ މައްޗަށް ކުރެވޭ ކަށު ނަމާދު ވެސް އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެއެވެ.

ރައްޔިތުންގެ އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ގާސިމަކީ ކަތީބުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރަށު ސްކޫލްގެ ނާޒިރުކަން ވެސް ކުރައްވައިފައެވެ.

80 އަހަރުގެ އުމުރުފުޅުގައި ނިޔާވި ގާސިމަކީ ރަށުގެ ރައްޔިތުންގެ އިތުރުން އަތޮޅުގެ ރައްޔިތުންގެ ވެސް ގަދަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ގާސިމްގެ ޖުމްލަ ނުވަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ސިޔާމް އާއި އޭނާގެ އެއްބަނޑު އެއްބަފާ ހަބޭފުޅުންނާއި އެހެން ބަނޑަކަށް ލިބިވަޑައިގެންނެވި ތިން ބޭފުޅުންނެވެ.ގުޅުންހުރި