މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުންގެ އެލަވަންސް ބޮޑުކޮށް އަލުން އޮފިޝަލުން ހޯދަން އިއުލާންކޮށްފިއެވެ.

13 ޖެނުއަރީ ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ކުރި އިޢުލާނަށް އެކަށީގެންވާވަރަށް މީހުން ކުރިމަތިލާފައިނުވާތީ، އެމަޤާމަށް މީހުން ހޯދުމަށް އަލުން އިޢުލާނު ކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް 1500 ރުފިޔާ ލިބުނު ނަމަވެސް އެލަވަންސަށް ގެނައި ބަދަލާއެކު ވޯޓުލާ މަރުކަރުގެ ވެރިޔަކަށް 1800 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެއެވެ. އަދި މީގެކުރިން ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200 ރުފިޔާ ހަމަޖައްސާފައިވީ ނަމަވެސް އެ އަދަދު ވަނީ 1600 ރުފިޔާއަށް ބޮޑުކޮށްފައެވެ. ހަމައެއާއެކު، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ އެލަވަންސް 1500 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައެވެ. ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ 500 ރުފިޔާ ލިބޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ. ޓްރޭނިންގ އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކަށް އިތުރަށް ލިބެއެވެ.

ވޯޓުލާދުވަހުގެ ކެއުމަށްވާ ފައިސާ މާލިއްޔަތު ޤަވާޢިދުގައިވާ ރޭޓުން އޮފިޝަލް އެލަވަންސްއާއެކު ޖަމާކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 7 އާއި 11 އާއި ދެމެދުގައެވެ. އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ 2024 ޖަނަވަރީ 7 އިން 13 އަށް މާލޭގައި ހުންނަ ފަރާތަކަށް ވާންޖެހެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 3:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ.

އޮފިޝަލުންގެ ޝަރުތުތަކުގެ ތެރޭގައި:

  • ޢުމުރުން 18 އަހަރު ފުރިފައިވުން
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން
  • އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން
  • ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  • އޮފިޝަލެއްގެ ޒިންމާ އަދާކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން
  • ޞިއްޙީ ގޮތުން ޤާބިލު މީހަކު ކަމުގައިވުން
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން