މާލެ އާއި ވިލިމާލެ އާ ދެމެދު ސީ- އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ.

ވިލިމާލެ އާއި މާލެއާ ދެމެދު ސީ- އެމްބިއުލާންސްގެ ހިދުމަތް ތައާރަފް ކުރުމުގެ ގޮތުން ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، ސީ- އެމްބިއުލާންސްގެ ރަމްޒީ ތަޅުދަނޑި ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއާ ހަވާލު ކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ސީ- އެމްބިއުލާންސް ބަލަހައްޓަމުން ގެންދާނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗުން ކަމަށާއި، ސީ- އެމްބިއުލާންސް ބޭއްވުމަށް ނިންމާފައި ވަނީ ވިލިމާލޭގެ ބަނދަރުގައި ކަމަށެވެ.

އަޅުގަނޑުމެން ވިލިމާލެ ހޮސްޕިޓަލު ގާއިމުކުރަމުންދާއިރު، ވިލިމާލޭގައި ސީ- އެންބިއުލާންސް އޮތުމަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.ހަލީމް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވިލިމާލޭގެ ރައްޔިތެއް ކަމުގައިވާ އަހުމަދު ޒާހިރު އޭނާގެ ޝުއޫރު ފާޅުކުރަމުން ބުނެފައި ވަނީ، ވިލިމާލޭގައި ސީ-އެމްބިއުލާންސް އޮތުމުން އެކަމުގެ ފަސޭހަ ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައެވެ.