ވިލިމާލެއަށް ބޭނުންވާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކޮށް ފޯރުކޮށްދިނުމަށްޓަކައި ދުރުރާސްތާ ޕްލޭނެއް އެކުލަވާލުމަށްޓަކައި ސާރވޭއެއް ހެދުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ވިލިމާލޭގެ ކަރަންޓުގެ ހާލަތު ދިރާސާކޮށް، ކަރަންޓުގެ ވިއުގަ މަރާމާތުކުރުމަށާއި އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓާއި، ރީޖަނަލް ޕަވަރހައުސް ޑިޕާޓްމަންޓް ގުޅިގެން ވިލިމާލޭގެ ކަރަންޓުގެ ހާލަތު ދެނަގަނެ، ޕަވަރ ސިސްޓަމް އަޕްގްރޭޑްކޮށް، ހިދުމަތް އިތުރަށް ފުރިހަމަ ކުރުމާއެކު، ވިލިމާލެއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ދުރުރާސްތާ ޕްލޭނެއް އެކުލަވާލުމަށްޓަކައި، ސާރވޭއެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ، މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި، މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތަކާއި، އެ މައްސަލަތައް ހައްލުކުރުމަށް ކުރަންހުރި މަސައްކަތްތަކަކީ ކޮބައިކަން ދެނެގަތުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ވިހި އަހަރު ދުވަހަށް ޑިމާންޑް އިތުރުވާނެ މިންވަރާއި، މި ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި، މަރާމާތު ކުރުމަށާއި، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ދެނެގަތުމާއި، ނިޒާމު މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް މަޝްރޫއެއް އެކުލަވާލައި އެ މަޝްރޫއު ތަންފީޒުކުރާނެ ގޮތުގެ އެކްޝަންޕްލޭނެއް ތައްޔާރު ކުރުންވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ދިރާސާގެ އަލީގައި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރ މަރާމާތުކޮށް އަޕްގްރޭޑް ކުރުމަށް މަޝްރޫއެއް އެކުލަވާލައި އެ މަޝްރޫއު ތަންފީޒުކުރާނެގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުން ހިމެނޭ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.