"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބި ރަޖިސްޓްރީ ހަވާލުކުރެވިފައިނުވާ ފަރާތްތަކަށް ބިމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ފަށައިފިކަމަށް ހައުސް މިނިސްޓރީން ބުނެފިއެވެ.

ނިމިދިޔަ ސަރުކާރުގެ އެންމެފަހު ދުވަސްކޮޅު ކުރިއަށް ގެންދެވުނު މި މަޝަރޫޢުގެ ދަށުން ގިނަބަޔަކަށް ވަނީ ބިމާއި ރަޖިސް ޓްރީ ހަވާލު ނުކުރެވިއެވެ. އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދަކަށް ވެފައިވަނީ ނިމި ދިޔަ ސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި ފުލެޓްތައް އޭގެ ހައްޤުވެރި ފަރާތްތަކަށް ހަވާލުކޮށްދެއްވުމެވެ.

ހައުސް މިނިސްޓްރީން މިކަމާއި ގުޅިގެން އިއްޔެކުރި އިއުލާނެއްގައި ބުނެފައިވަނީ ގޯއްޗާއި ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް އިއްޔެ ފަށަފައިވާ ކަމަށާއި، އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ މީހުންނަށް ގުޅައިގެން އަދި މެސެޖުކޮށް ހާޒިރުވާން ޖެހޭ ތާރީހާއި ގަޑި އަދި ތަން އަންގާނެ ކަމަށެވެ.

މީގެ އިތުރުން އެ އިޢުލާނުގައި ބުނެފައިވަނީ މިހާތަނަށް ހަވާލު ކޮށްފައިވާ ރަޖިސްޓަރީތަކާއި އެއްބަސްވުންތަކުގައި މައްސަލައެއް ފާހަގަ ކުރެވޭ ނަމަ އެކަން މިނިސްޓްރީ އަށް ހުށަހެޅުމުން އިސްލާހު ކޮށްދޭނެ ކަމަށެވެ.