މަސްތުވާތަކެއްޗާ ބަނގުރާ ދައުރުކުރުުން ހުއްޓުވުމަށާއި މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ސެންޓްރަލް ޕޮލިސިންގ ކޮމާންޑާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއަރ ފުލުހުންނާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިއްޔެ ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށް، މުހިންމު ނިންމެވުންތަކެއް ވަނީ ނިންމާފައެވެ. އެގޮތުން ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ ސައުވީސް ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކޮށް ބެލެހެއްޓުމަށާއި އަތޮޅުތެރޭގެ ރަށްރަށަށް ލަފާ ފުރާ އުޅަނދުފަހަރާއި، ބަނދަރުކޮށްފައި އޮންނަ އުޅަނދު ފަހަރުން ރަށްރަށަށް ބާލާ ތަކެތި މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓިގެން ދައުރުކުރެވޭ ތަކެތި ކަމުގައި ހެދުމަށް ވަނީ ނިންމާފައެވެ.

ހަމައެއާއެކު، މާލޭގެ ޓްރެފިކް ބެލެއްހެއްޓުމާ ގުޅޭގޮތުން މަޝްވަރާކުރެވި، މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި ފުލުހުން އިތުރަށް މަގުތަކަށް ނެރެ، ސްކޫލު، ހޮސްޕިޓަލްތައް އަދި މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ޓްރެފިކް ތޮއްޖެހޭ ސަރަހައްދުތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްވެސް ނިންމާފައެވެ.

މި ނިންމުންތައް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އެޅުމަށް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.