ބުޅަލަކީ ވަރަށްގިނަ މީހުންގެ މެދުގައި މަގުބޫލު ޖަނަވާރެކެވެ. ބުޅާ އޮޅުކޮށްގެން ގޭގައި ގެންގުޅެނީ ވެސް މަދެއްކޮށެއްނޫނެވެ.
ބުޅަލަށްޓަކައި މަރުދޭ ހިސާބަށް ގޮސްފައިވާ މީހުން ވެސް މަދެއް ނޫނެވެ. އެމީހުންނަށް މަގެއްގެ މަތިން ބުޅަލެއް ފެނުނަސް އޭތި އުރާލައި ލޯބި ކޮށްލާ އެއަށް ކާންދީ ނުވަތަ އޭގައި ފިރުމައި ނުލާ ނުތިބެވެއެވެ. ބުޅާ ގެންގުޅޭ މީހުން އެ ގެންގުޅެނީ އަމިއްލަ ދަރިއަކުވެސް ގެންގުޅޭނެހާ ލޯބިންނެވެ. ބައެއް ފަހަރު މިފަދަ ބުޅާތައް ކުރާ ކަންކަމުން ހިނި އަންނަ ފަހަރުވެސް މަދެއް ނޫނެވެ.
ސޫޒީ އެންޑް މޯލީ ނަމަކަށް ކިޔާ ޓިކް ޓޮކް ތަރިއެއް މިވަނީ މިފަދަ މަޖާ ވީޑިއޯ އެއް ހިއްސާ ކޮށްފައިއެވެ. ނޭނގޭ ސަބަބަކާ ހުރެ ދަންވަރު ނިދީގައި އޮވެ ހޭލެވި ހެނދުނު ތެދުވާއިރު ވަރުބަލިކަން އިހުސާސް ވާތީ ، އޭނާ ވަނީ ދަންވަރު ނިދިން ހޭލެވޭ ސަބަބު ހޯދަން މަސައްކަތް ކޮށްފައެވެ. އޭނާވަނީ އޭނާ ނިދާ ކޮޓަރީގައި "ނައިޓް ވިޝަން" ކެމެރާއެއް ހަރު ކޮށްފައިއެވެ.
އަނެއް ދުވަހު ވީޑިއޯ ބެލިއިރު ފެނުނީ ރޭގަނޑު އެގާރަ އިން ފެށިގެން ދަންވަރު ތިނެއް ޖެހުމާ ހަމަޔަށް އޭނާ ގެންގުޅޭ ބުޅާ އޭނާ ހޭލައްވަން މަސައްކަތް ކުރާތަނެވެ.
ވީޑިއޯއިން ފެންނަގޮތުގައި މި ބުޅާ އެނދު މައްޗަށް އަރާ ސޫޒީ ނިދާފައި އޮތް ފަރާތަށް ގޮސް އޭނާގެ ގައި މައްޗަށް ފުންމާލައެވެ. އެއަށް ފަހު އޭގެ އަތް ސުޒީގެ ގާއިގަ އުނގުޅާ އޭނާ ހޭލައްވަން މަސައްކަތް ކުރެއެވެ. ދޭތެރެއަކުން މިއާއު ވެސް ގޮވާލައެވެ. މީގެ އިތުރުން އެނދުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލުމަށް ފަހު އަނެއްކާ ވެސް ސޫޒީގެ ގައިމައްޗަށް ފުންމާލާ ކުރިން ވެސް ކަންތައް ކުރި ފަދައިން ކަން ކުރެއެވެ. މެދުނުކެނޑި 4 ގަޑިއިރު ވަންދެން ބުޅާ މިފަދައިން ކަންތައް ކުރެއެވެ. ސޫޒީ ނިދީގައި އޮވެ ބުޅަލުގެ ބުރަކަށީގައި ފިރުމާލަތަން ވެސް ފެނެއެވެ.
"ޕެޓް ވެބް އެމްޑީ" އިން ބުނާގޮތުގައި ބުޅާ ސޫޒީ ހޭލައްވަން އުޅުނީ ސޫޒީގެ ސަމާލުކަން ހޯދަން ނުވަތަ އޭތި ހާނުވާފއިވާ އަދާތަކާ ހިލާފަށް ކޮންމެވެސް ކަމެއް ކުރެވުމުން ކަމަށެވެ. ބުޅަލަކީ އޭތި އުޅޭ މާހައުލަށް ހޭނުވޭފަދަ ޖަނަވާރެއް ކަމަށް ޖޮންސަން ބެނެޓް ބުނެފައިވެއެވެ.
ވަރަށް ގިނަ މީހުން މި ވީޑިއޯ އަށް ކޮމެންޓް ކޮށްފައިވެއެވެ. ބައެއް މީހުން ބުނެފައި ވާ ގޮތުގައި އެ މީހުން ގެ ބުޅާވެސް މިފަދައިން ކަންތައް ކުރާކަމަށެވެ. އަދި ތަފާތުކޮށް ކަމެއް ހިނގާނަމަ ބުޅާތައް މިހެން އެމީހުންގެ ވެރިން ހޭލައްވާ ކަމަށެވެ.