އައްޑޫ ސިޓީގައި އަޅުއްވައި ދެއްވާނެކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ވިދާޅުވި ބުރިޖާއި ގުޅޭ މަސައްކަތްތައް ވަަރަށް އަވަހަށް ފަށްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރެއްވުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫ ސިޓީގައި ކުރަން ނިންމާފައި ހުރި ކަންކަމަކީވެސް ހަމަ ރައްޔިތުން ބޭނުންވެގެން، ރައްޔިތުން އެމަނިފާނު އަރިހުގައި ދަންނަވައިގެން ކުރަން ރޭވިފައި ހުރިކަންކަން ކަމަށެވެ. މިގޮތުން އައްޑޫ ސިޓީގެ ވަކިން އޮންނަ ހުޅުދޫއާ މީދު އައްޑޫ ސިޓީގެ އެހެން ރަށްތަކާއި ގުޅައިލުމަށް އަޅުއްވާނޭ ކަމުގައި ވަޢުދުވެ ވަޑައިގެންނެވި ބުރިޖުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އައްޑޫގައި އެ ބްރިޖް އެޅުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ އަދި ތަފްސީލީ ފީޒިބިލިޓީއާއި ޑިޒައިން މަސައްކަތް އަޅުގަނޑުމެން ބަޔަކާ ހަވާލުކުރާނަން. އޭރުން އެ ބްރިޖްގެ އަގު ކުރުމަށްޓަކައި ކޮންޓްރެކްޓެއް ހޯދައި، މަސައްކަތް ހަވާލުކުރުމަށްޓަކައި ނިންމަންޖެހޭ ހުރިހާ ލިޔެކިޔުމެއް އެ މަސައްކަތުން ފަހިވެގެން އެބަދޭ. ފުރިހަމަ ވެގެންދާނެ. އެހެންވީމާ، އެ މަސައްކަތްވެސް ވަރަށް އަވަހަށް ހަވާލު އެބަކުރެވޭ."
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައިވެސް އިންފްރާސްޓްރަކްޗަރގެ ދާއިރާއިން ކުރަން ނިންމާފައިވާ ކަންކަން ވަރަށް ބާރު ސްޕީޑްގައި ކުރިޔަށް އެބަގެންދަވާ ކަމަށާއި، އެ މަސައްކަތްތަކުގެ ފުރަތަަމަ މަރުޙަލާގައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން ދާކަމަށެވެ.
އައްޑޫ ސިޓީގެ ވަކިން އޮންނަ ހުޅުމީދޫ އޮންނަނީ އިރުމަތީ ބިތުގައި ކަމަށް ވާއިރު ހުޅަނގު ބިތުގައި އޮންނަ ހިތަދޫއާއި ހުޅުމީދޫއާ ދެމެދު 9 މޭލު ހުރެއެވެ. އަދި ހުޅުމީދޫ އާއި އައްޑޫގެ ގުޅިފައިވާ ރަށްތަކާއި އެކު ދެކުނު ބިތުގައި އޮންނަ ގަމާއި ދެމެދު 4 މޭލު ދުރުމިން ހުރެއެވެ. އައްޑޫގެ ކޮންމެ ފަރާތަކުން މިރަށްތައް ގުޅާލަން ނިންމި ނަމަވެސް މަދުވެގެން ދެ ކޯޒްވޭ މަގާއި ކަނޑުއޮޅިތައް ހުރަސްކޮށް ދެ ބުރިޖް އަޅަން ޖެހޭނެއެވެ.
ކޯޒްވޭތަކާއި ހައިވޭތަކާއި އެކު ގުރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖުމުލަ ދިގުމިނަކީ، 3.4 މޭލެވެ. ސިނަމާލެ ބުރިޖުގެ ދިގުމިނަކީ، 0.91 މޭލެވެ.