މިއަދުގެ ހުކުރު ހުތުބާ އަޑު އެހުމަށްފަހު މީހަކު އޭނާގެ އަތުން ދަރަންޏަށް ނަގާފައިވާ ހަތަރުލައްކަ ރުފިޔާގެ ދަރަންޏެއް މާފުކޮށްދީފި އެވެ.

ފޭސްބުކްގައި "ޝުއައިބް އަލީ" ކިޔާ ބޭފުޅަކު ކުރައްވާފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ އަޚަކަށް ހުކުރު ހުތުބާގެ އަސަރުކޮށްފި ކަމަށެވެ.

މިއަދުގެ ހުކުރު ހުތުބާގައި ދަރަނި މާފުކޮށްދިނުމާ ގުޅޭ ގޮތުން ބުނެފައިވެއެވެ.

"މަހްޝަރުދުވަހުގެ ގަދަ ހޫނުން ސަލާމަތް ކޮށްދޭނެ ފުރަތަމަ ކަމަކީ އަތްމަތި ދަތިވެގެން ދަރަނި އަދާ ނުކުރެވުނު މީހާގެ ދަރަނި ފަސްކޮށްދިން މީހާއަށް ނުވަތަ އެ ދަރަނިން ބައެއް އުނިކޮށްދިނުން ކަމަށެވެ. އެ މީހުންގެ ތެރޭގައި މީސްތަކުންގެ މުދާ ބާތިލު ގޮތުގައި ކެއުމަށްޓަކައި ދަރަނި ނަގާ މީހުންނާއި ދަރަނި އަދާނުކޮށް ދިގު ދަންމާ މީހުން ނުހިމެނޭނެ ކަމަށެވެ،"

ހުތުބާގެ މިބަސްތަކުގެ އަސަރު ފޯރި ފަރާތުން ވަނީ ހަތަރުލައްކަ ރުފިޔާގެ ދަރަނި މާފުކޮށްދީފައެވެ.

"ހުކުރު ޚުޠުބާގެ އަސަރު ގަދަ ކަމާއެވެ. ދިވެހިންނަކީ ތަފާތު ބައެކެވެ. ހުކުރު ޚުޠުބާ އަޑު އިވުނުތާ އަދި ގިނައިރެއް ނުވެއެވެ. އަޅުގަނޑުގެ ވަރަށް ގާތް އަޚަކު، އެހެން ފަރާތަކަށް ދައްކަންޖެހޭ، 4 ލައްކަ ރުފިޔާ މަޢާފު ކޮށްދީފި ކަމަށާއި، ދަރަންޏަށް ފައިސާ ނެގިކަން އަންގައިދޭ، ހުރިހާ ލިޔެކިޔުމެއް ނައްތާލާނެ ކަމަށް، އެފަރާތުން އެ އަޚާއަށް އަންގައިފިއެވެ. މާޝާﷲ! ސުންނަތުގެ ސިފަ އެމީހެއްގެ ކިބާގައި ނެތަސް، ދީނަށް ލޯބި ކުރާ ފަރާތްތައް ގިނައެވެ. ދުޢާއަކީ އެފަދަ ފަރާތްތަކަކީ، ސުންނަތަށް ތަބާވާ ބައެއްގެ ގޮތުގައި ލެއްވުމެވެ. އާމީން!

ހުކުރު ޚުޠުބާ އަކީ، ވަރަށް ބޭނުންތެރި އަގުހުރި ފުރުޞަތެކެވެ! 4 ލައްކަ ރުފިޔާއަކީ މަދު ޢަދަދެއް ނޫނެވެ. ހެޔޮ ޖަޒާ ދެއްވާށި! އާމީން!" ޝުއައިބް އަލީގެ ޕޯސްޓުގައި ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން މަައުލޫމާތު ހޯދާލުމުން އެނގުނީ އެ ދަރަނި ހަތަރުލައްކަ ރުފިޔާއަކީ ޝުއައިބް އަލީ ހެކިވެރިއެއްގެ ގޮތުގައި ހުރެގެން ދީފައިވާ ދަރަންޏެއްކަމަށެވެ. އެދަރަނި މާފުދިނުމުން ޝުއައިބަށް އެކަން އެންގީ އެއީ ޝުއައިބަކީ ހެކިވެރިއެއްކަމުގައި ވާތީއެވެ.

ކޮންމެއަކަަސް މިއީ މުސްލިމް އަޚަކު ދެއްކި ވަރަށްވެސް ރިވެތި ނަމޫނާއެކެވެ. ތިމާގެ އަޚާ ހާލުގައި ޖެހޭ ވަގުތު އެހީތެރިކަން ދެވޭނެ ފެންވަރު ހުރިނަމަ ހެޔޮހިތުން އެހީ ވުމަކީ ﷲތައާލާގެ ރުއްސެވުމާއި ފުއްސެވެމުން ލިބޭނޭ ކަމެއްކަން ކަށަވަރެވެ. އަދި ހަމައެހެންމެ ދަރަންޏެއް މާފުކޮށްދިން މީހާއަށް ހުރި ސަވާބާއި ދަރުމައިގެ ބޮޑު ކަމާއެވެ!