މި ނިމުނު 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް އެގާރަ ބިލިއަން ރުފިޔާއަށްވުރެ އިތުރަށް ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ "ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓުން" ދައްކާގޮތުން، ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަގޮތަކަށް 44.6 ބިލިއަންގެ ހޭދައެއް ސަރުކާރުން ވަނީ ކޮށްފައެވެ.

ރިކަރެންޓު ހަރަދުތަކުގެ ގޮތުގައި 30 ބިލިއަނަށްވުރެ އިތުރު އަދަދެއް، މި އަދަދުގެ ތެރެއިން ހިމެނޭއިރު 14.5 ބިލިއަނާއި ގާތްކުރާ އަދަދެއް ކެޕިޓަލް ހަރަދުގެ ގޮތުގައިވެސް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާ

  • ޖުމްލަ އާމްދަނީ: 31.6 ބިލިއަނަށްވުރެ އިތުރު އަދަދެއް
  • ޓެކްސް ފައިސާ: 22.8 ބިލިއަން
  • އެހެނިހެން ގޮތްގޮތުން ލިބިފައިވާ އާމްދަނީ 8 ބިލިއަނަށްވުރެ އިތުރު

ފިނޭންސްއިން ބުނެފައިވާގޮތުން ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، ދަތުރުފަތުރުކުރުމަށް ސަރުކާރުން 238.2 މިލިއަން ހޭދަކޮށްފައެވެ. އިދާރީ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް 767.5 މިލިއަން ހަރަދުކޮށްފައިވެއެވެ. އިދާރީ ހިދުމަތްތަކަށް 2 ބިލިއަނަށްވުރެ އިތުރު އަދަދެއް ހިމަނާފައިވެއެވެ.

ފިނޭންސްއިން ބުނެފައިވާގޮތުން ސަރުކާރުންވަނީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާ ބިނާކުރުމުގެގޮތުން 519.2 މިލިއަން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކުރުމުގެ މަސައްކަތްތަކަށް 850.2 މިލިއަން ހޭދަކޮށްފައިވާއިރު، ފެނާއި ނަރުދަމާ ގާއިމުކުރުމަށްޓަކައި 1321.5 މިލިއަންގެ އިތުރުން ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތަކަށް 3207.5 މިލިއަން ހަރަދުކޮށްފައިވާކަންވެސް ފިނޭންސްއިން ހިއްސާކޮށްފައިވެއެވެ.

ރާއްޖޭގައި ހިންގަމުންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހަރަދުތައްވެސް ސަރުކާރުންދަނީ ތަފްސީލީ ގޮތެއްގައި ހިއްސާކުރަމުންނެވެ. އެގޮތުން ގައުމީ ސަލާމަތީ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން 151.7 މިލިއަންގެ ހޭދައެއް ވަނީ ކޮށްފައެވެ.

ސިއްހީ ހިދުމަތްތައް ދިނުމަށްޓަކައި 351.6 ހޭދަކޮށްފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.