މާލޭސިޓީގެ މޭޔަރަކަށް އިދިކޮޅުޕާޓީއެއްގެ ކެންޑިޑޭޓަކު ނުވަތަ ސަރުކާރަށް ޖެއްސުންކުރާނޭ ކެންޑިޑޭޓަކު ހޮވައިގެން އަނެއްކާ ވެސް މާލޭސިޓީގެ ތަރައްގީއަށް އެޅޭނީ ހުރަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޢާއިޝަތު އާޒިމާ ޝަކުރޫގެ މެނިފެސްޓޯ އިއުލާން ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާލޭސިޓީގެ މޭޔަރަކަށް އާޒިމާ ހޮވަންޖެހެނީ ސަރުކާރާ އެއްފިކުރެއްގައި މަސައްކަތް ކޮށް ތަރައްގީ ގެނެސްދެއްވާނެތީ ކަމަށެވެ.
އެމަނިކުފާނު މާލޭގޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު ސަރުކާރުން ކަންކަން ފަހިކޮށްދިނީމައި ނުވާނޭކަންކަން ފިޔަވައި ދެންހުރި ކަންކަން އެމަނިކުފާނުގެ ޕްލޭނާއެއްގޮތަށް ކުރައްވާފައިވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން ވެރިކަންކުރާޕާޓީގެ ކެންޑިޑޭޓަކު މޭޔަރަކަށް ހޮވައިގެން މާލޭސިޓީ ތަރައްގީ ކުރުމުގެ ފުރުސަތު އޮއްވައި އިދުކޮޅު ކެންޑިޑޭޓަކު ހޮވައިގެން ތަރައްގީ ހުއްޓުން ނޫންކަމެއް ނުވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ އޭނާ ނިކުންނެވީ ފިސާރި އަޒުމާއި ހިތްވަރާއެކުގައި ކަމަށެވެ. އެ އަޒުމުގައި ތަފާތު ދައްކަވާނޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އާޒިމާގެ އެންމެ ބޮޑު ވައުދަކަށް ވެފައިވަނީ މާލޭގައި ދިރިއުޅޭ އާންހުންނަށް ޚާއްސަކޮށްގެން ފަނަރަސަތޭކަ ވަޒީފާ އުފައްދަވާނޭ ކަމުގެ ވައުދެވެ.