ފަސް އަހަރުގެ ވެރިކަން ނިމޭއިރު، މާލޭގައި ގެދޮރު ނުލިބޭ މީހަކު ނުހުންނާނެކަމުގެ %100 ޔަގީންކަން ދެއްވަން ބޭނުންފުޅުވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން މެނިފެސްޓޯ އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ގެދޮރުގެ މައްސަލައަކީ ގައުމީ ބޮޑެތި މައްސަލަތައް ނަގާފައި ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި އެ މައްސަލަ އެންމެ ބޮޑީ މާލޭގައި ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށް މާލެސިޓީގައި ފަށާފައިވާ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ބޯހިޔާވަހިކަން ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެވަރުން ނުފުދޭނެތީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ ވާ ވަރަށް ވުރެ ތިން ގުނަ ބޮޑު ބިމެއް ހިއްކުމުގެ މަސައްކަތް ފަށައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.
މި ތަންތަނުން އުފެދޭ ބިމާ އެކީގައި %5 އަށް ވުރެ ބޮޑު ނޫން އިންޓަރެސްޓް ރޭޓްގައި ލުއި ލޯން ދޫކުރުމަށް ތައްޔާރުވަމުންދާ ކަމަށާއި އެ ލޯންގެ ސަބަބުން އެ ބިންތަކުގައި ގެދޮރު ބިނާ ކުރުމަށް ވަރަށް އަވަހަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ މި ދައުރު ނިމުމުގެ ފަސް އަހަރު ކުރީގައި މި ދެންނެވި ހަތަރު ބިމުން އުފެދޭ ޖާގައާއެކީގައި، ޖާގަ އިން އެ ލިބޭ ގޯއްޗާއި ފްލެޓު ލިބިގެން ދިޔައީމަ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް." ރައީސް ވިދާޅުވިއެވެ.
"ހަމަ އެންމެ ރައްޔިތަކު ވެސް ނުހުންނާނެ. އިރާދަކުރެއްވިއްޔާ %100 ޔަގީންކަން މި ދެނީ. މާލޭގައި ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް. މި ފަސް އަހަރު ނިމޭ އިރު އިރާދަކުރެއްވިއްޔާ،"
ރައީސް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ކުރަން ބޭނުންފުޅު ވަނީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ. ގޯއްޗާއި ފްލެޓުތައް ދެވޭނީ ކައުންސިލްގެ އެހީތެރިކަމާ އެކުގައި ކަމަށާއި ކައުންސިލުން ގޭގެއަށް ގޮސް ރައްޔިތުންގެ ހާލާއި ދިރިއުޅުމުގެ ހާލަތު ބަލަން ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެންވެ، މާލެ ސިޓީ ކައުންސިލަށް ހޮވަންޖެހެނީ އެމަނިކުފާނަށް %100 އެއްބާރުލުން ދޭނެ ކެންޑިޑޭޓުންތޯ ނުވަތަ ޕާޓީން ބުނާ ގޮތަކަށް ކަންކަން ކުރާނެ ކެންޑިޑޭޓުންތޯ މާލޭގެ ރައްޔިތުން ނިންމަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ، އަދި ޔަގީން ކުރާނީ އަޅުގަނޑާ އެކީގައި %100 މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޮތް އަޅުގަނޑުމެންގެ ކެންޑިޑޭޓު ނަންބަރު ތިނެއް އާޒިމާ އަށް އަދި ހެންވޭރު އުތުރާއި މެދު ދާއިރާގެ ކެންޑިޑޭޓާއި މާފަންނު ދެކުނު ދާއިރާގެ ކެންޑިޑޭޓު، މި ހަތަރު ކެންޑިޑޭޓުން ކަން މާލޭގެ ރައްޔިތުން ހިޔާރު ކުރާނީ،" ރައީސް ވިދާޅުވިއެވެ.