މާލޭ ސިޓީގެ މަގުތަކުގެ ފެން ހިންދާ ކާނުތައް ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ސިޓީސް، ލޯކަލް ގަވަރމަންޓް، ޕަބްލިކް ވޯކްސް މިނިސްޓްރީއާއި، މާލެ ސިޓީ ކައުންސިލާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ވެމްކޯ ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފަށްޓަވާ ދެއްވީ ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރ، އާދަމް ޝަރީފް އުމަރެވެ. މިޕްރޮގްރާމްގެ ދަށުން މިހާރު ވެސް މާލޭގެ ބައެއް ކާނުތައް ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ވިއްސާރަ މޫސުންތަކުގައި އިތުރުވާއިރު، އެޗްޕީއޭއިން އަންނަނީ އެކި މުވައްސަސާތަކާއި ގުޅިގެން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި މަދިރި އާލާވާތަންތަން ނައްތާލުމަށް ވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.