ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލޭގެ މުނިސިޕަލް ސާވިސް ހިދުމަތް މާލެސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރި ނަމަވެސް، އެތަނުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ މުސާރައާއި އިނާޔަތައް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެޗްޑީސީގެ ބައެއް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މުނިސިޕަލް ސާވިސް ހިދުމަތް މާލެސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރި ނަމަވެސް އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި ލިބޭ އެހެނިހެން އިނާޔަތްތަކާއި އިންޝުއަރެންސް އެއް އަހަރު ފާއިތުވެގެންދާއިރުވެސް ކުޑަކުރަން މަޖުބޫރު ނުކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"އެއްވެސް މުވައްޒަފަކަށް ދެރަގޮތެއް ނުވާނެ." އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ސާވިސްގެ މަސައްކަތްތައް މާލެސިޓީ ކައުންސިލާ ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މުނިސިޕަލް ހިދުމަތްތައް މާލެސިޓި ކައުންސިލާ ހަވާލު ކުރުމަށް ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ ހިދުމަތް ފޯރުކޮށްދެމުންދާ މުވައްޒަފުންނާއ،ި މުނިސިޕަލްގެ ހިދުމަތްތަކާ ގުޅޭގޮތުން ތަރައްގީކޮށްފައިވާ ބިންތަކާއި އިމާރާތްތަކާއި، އެކަމާ ގުޅޭ ވެހިކަލްތަކާއި، ޓޫލްސް އަދި އެކުއިޕްމަންޓްސް މާލޭ ސިޓީ ކައުންސިލާ ހިއްސާ ކުރުމަށް އެއްބަސްވެފައި ވެެެއެވެ.

އަދި، މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާނެ ވޯކް ސައިޓް އަދި އޮފީސް ސްޕޭސް މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތައް އެ ކައުންސިލުން އަގެއް ނެގުމަކާ ނުލައި ޝެއާޑް ބޭސިސްއެއްގައި އާބަންކޯ އާއި މާލޭ ސިޓީ ކައުންސިލުން ބޭނުންކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ހުޅުމާލޭގެ އެންމެހާ މުނިސިޕަލް ހިދުމަތްތައް މިހާރު ދެމުން އަންނަ ބަޔަކީ އާބަަންކޯއެވެ. އެހެންވެ، އެކަން ބަދަލުކޮށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.