މާލެއަށްކުރި ވިއްސާރައިގައި ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި މަސައްކަތް ކުރަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުންނެވެ. މި މައުލޫމާތު އެއްކުރުމުގެ ސާވޭގެ މަގުސަދަކީ މާލޭގައި ފެން ބޮޑުވާ ގޭތަކުގެ މައުލޫމާތު އެއްކުރުމާއި އެ ގޭތައްހުރި ސަރަހައްދު ދެނެގަނެ ފާހަގަކުރުމެވެ. އޭގެ އިތުރުން ފެން ބޮޑުވެގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ އެޅިދާނެ ފިޔަވަޅުތައް ހިއްސާކުރުން ވެސް މި ސާވޭގެ މަގުސަދުތަކުގެތެރޭގައި ހިމެނެއެވެ.

މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ގެއްލުން ލިބުނު ހުރިހާގެތަކަށް ސާވޭ ޓީމުތައް ގޮސް މައުލޫމާތު އެއްކުރާނެއެވެ.

މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 6 އިން 8 އަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.