އަލް ޢަސްރު ގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ލޯތަކުގެ ފިނިކަން" ވޯކްޝޮޕް ކާމިޔާބު ކަމާއި އެކުު ނިންމާލައިފިއެވެ.

އަލް ޢަސްރުން ބުނި ގޮތުގައި މިއީ ރަމަޟާން މަސް ފެށުމުގެ ކުރިން ނަމާދުގެ ފިޤުހު ހަނދާންކޮށް އާލާ ކުރުމަށާއި ނަމާދާމެދު ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރުސަތު އާންމުންނަށް މަގުފަހި ކޮޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި ޖަނަވަރީ މަހުގެ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހުގައެވެ.

އަލްއަސްރު ޖަމިއްޔާއިން ކުރިއަށްގެންދާ މި ފަދަ ވޯކްޝޮޕްތަކުގައި މީގެ ކުރިން ސަތޭކަ މީހުންގެ ޖާގައަކަށް ހުޅުވާލައެވެ. އެހެންނަމަވެސް މި ފަހަރު ޖާގައިގެ ދަތި ކަމާއި ހުރެ އެ ޖަމިއްޔާ އިން މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށް ހުޅުވާލީ އަށްޑިހަ މީހުންގެ ޖާގައަށެވެ.

ނަމާދުގެ މަޤާމް، ތަހާރަތާއި، ވުޟޫ އަދި ނަމާދު ތަކްބީރުން ފެށިގެން ސަލާމް ދިނުމާ ދެމެދުގައިވާ ޛިކުރުތަކާއި ހަރަކާތްތައް ވެސް މި ވޯކްޝޮޕް ގައި ކިޔަވާ ދީފައިވާކަމަށް އަލް އަސްރުން ވަނީ ބުނެފައެވެ.

ނަމާދާ ބެހޭގޮތުން ކުރިއަށް ދާ މި ވޯކްޝޮޕްގައި ކިޔަވައި ދިނީ ފުންނާބު އުސް ދީނީ އިލްމުވެރިޔާ ޑރ. އާދަމް ޝަމީމެވެ.

އަލްއަސްރުން ހާމަކުރި ގޮތުގައި، މިއީ އަހަރަކު އެއްފަހަރު އަލް އަސްރުން ބާއްވާ ވޯކްޝޮޕެއް ނަމަވެސް އެ ޖަމިއްޔާއަށް އެދި ހުށަހެޅުމުން ރަށްރަށުގަ އާއި އޮފީސްތަކުގެ ގައި ވެސް މި ވޯކްޝޮޕް ބާއްވައިދެއެވެ.