އައްޑޫ ސިޓީ ހިތަދޫހުޅުމީދޫއާ ގުޅާލުމަށް މި ސަރުކާރުން ނިންމާފައިވާ ބްރިޖު މަޝްރޫއަށް ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އުމްރާނީ ތަރައްގީ އާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އިއްޔެ ވިދާޅުވެއްޖެއެވެ.
މުއްތަލިބް މިހެން ވިދާޅުވީ އިއްޔެ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރާއްޖޭގެ ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަތުތައް ޗައިނާގެ އިންވެސްޓަރުންނާ ހިއްސާކުރުމަށް ޗައިނާގެ ފޫޖިއާން ޕްރޮވިންސްގައި ކުރިއަށްގެންދިޔަ "އިންވެސްޓް މޯލްޑިވްސް ފޯރަމް"އަށްފަހު ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިންވެސް އައްޑޫ ބްރިޖު މަސައްކަތަށް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރުވެސް އެއް ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށެވެ.
އަދި އެ ޕްރޮޕޯސަލް މިހާރު އިވެލުއޭޓް ކުރަމުންދާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
ހުޅުމީދު އާއި ހިތަދޫ ބްރިޖަކުން ގުޅާލާ ވާހަކައަކީ އެކިއެކި ރިޔާސީ ކެމްޕޭންތަކުގައި މީގެ ކުރިން އެކިއެކި ބޭފުޅުން ދައްކަވާފައި ހުރި ވާހަކައެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ ބްރިޖު ހަގީގަތަކަށް ހައްދަވައި ދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.
އަދި ރައީސް ޑރ މުއިއްޒުގެ މި ދައުރުގައި މި ބްރިޖުގެ މަސައްކަތް މި އަހަރުތެރޭ ފެށުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ސާވޭ އަށް ބޭނުންވާ 30 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ