މަސްވެރިންނަށް ނުދެވި ހުރި ސަތޭކަ މިލިއަން ރުފިޔާ ދިނުމުގެ މަސައްކަތް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ފަށައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މުޙައްމަދު މުއްޠަލިބެވެ. މުއްތަލިބް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިއަދު މަސްވެރިންނަށް ދޫކުރެވިގެންދާނެކަމަށެވެ.

މުއްތަލިބް ވިދާޅުވީ މިއަދު އޮފީސް ގަޑީގައި ސަތޭކަ މިލިއަން ރުފިޔާ މަސްވެރިންނަށް ހަވާލުކުރެވިގެންދާނެ ކަމަށެވެ. އެ މަސައްކަތް ކުރަމުންދާނީ މިފްކޯގެ ފަރާތުން ކަމަށާއި އަދި ހަމައެއާއެކު، ވީހާވެސް އަވަހަކަށް ރައީސްގެ އިރުޝާދާއެކު މަސްވެރިންނަށް ދޭންހުރި ފައިސާ ދައްކާ ނިންމާލުމަށް މަސައްކަތް ކުރައްްވަމުން ގެންދަވާ ކަމަށްވެސް މުއްޠަލިބު ވިދާޅުވިއެވެ.

މުއްޠަލިބު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މިހާތަނަށް 3 ފަހަރެއްގެ މަތިން މަސްވެރިންނަށް 148 މިލިން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. މިހާރު ދުކުރާ 100 މިލިއަނާއެކު މި ޢަދަދު 248 މިލިއަން ރުފިޔާއަށް އަރާނެކަމަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ވިދާޅުވީ، މި ސަރުކާރުން މަސްވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވާނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައިގެންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.