ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ އަދި ފިލްމީތަރި އަހްމަދު އަޒްމީލް (އަޒޭ) އޭނާ ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފިއެވެ.

ވިލިމާލޭގައި އަޒޭ ދިރިއުޅޭ އެޕާޓްމަންޓުން އޭނާ ހައްޔަރު ކުރީ އާއިލާގެ މީހަކާއެކުގައިކަމަށް ސައްހަ ފަރާތަކުން "ހަލި" ނޫހަށް ވަނީ ކަށަވަރުކޮށްދީފައެވެ.

އަޒޭ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ ކުރިން މަސްތުވާތަކެއްޗާ ގުޅުވައިގެން އަޒޭގެ އަޑު ފެތުރިފައެއް ނުވެއެވެ. އަޒޭއާއި ރިޝްމީގެ ލޯބީގެ ކައިވެނި ރޫޅުނު އިރުވެސް މިފަދަ އެއްވެސް އަޑެއް ފެތުރިފައެއް ނުވެއެވެ. އެހެނިހެން ބައެއް ކަހަލަ ވާހަކަތައް ފިލްމީދާއިރާގެ ތެރެއިން އަޑު އަރައި ވައިގައި ހިފިއިރުވެސް މަސްތުވާތަކެތީގެ އެއްވެސް މައްސަލައެއް ފެންމަތި ވެފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ ވިލިމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ފްލެޓް ބަލާފާސްކުރިއިރު މަސްތުވާތ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން 40 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް އަދި 41 އަހަރުގެ މީހާ އަށްް ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ޔާރާގެ ޕްރޮޑަކްޝަންތަކުގެ ވީޑިއޯލަވަތަކުން ބޮޑަށް ފާހަގަވި އަޒޭ ވަނީ ޔާރާގެ ސީރީޒް "ޔާރާ"ގައިވެސް ލީޑްރޯލެއް އަދާކޮށްފައެވެ. އެކްޓިންގެ އިތުރުން ކޮރިއޮގްރާފްކޮށް ނަށަން ދަސްކޮށްދީ، ސްކޫލު ކޮންސަރޓްތަކަށް ކުދިންނަށް ނަށަން ދަސްކޮށްދިނުމަށް ވެސް އަޒޭ އަކީ މަޝްހޫރު ފަރާތެކެވެ.