ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވާވޭ ބެއިޖިންގ ކޮންވެންޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

ވާވޭ ބެއިޖިންގ ކޮންވެންޝަން ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ވަފުދު ވަޑައިގަތުމުން، ވާވޭގެ އިސްވެރިން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

‎ވާވޭ ކުންފުނީގެ މަންދޫބުން ވަނީ ރައީސް ޑރ މުއިއްޒަށް އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތަކާ ގުޅޭގޮތުން ތަފުސީލު މަޢުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ. އީޖާދީ މިފަދަ ކުރިއެރުންތަކުގެ ސަބަބުން ސަރުކާރުތަކަށާއި އަމިއްލަ ފަރުދުންގެ އާންމު ދިރިއުޅުމަށް އިތުރު ފަސޭހަ ގެނުވާ ގޮތްތަކުގެ މައުލޫމާތު ރައީސް ޑރ މުއިއްޒަށް، ވާވޭ ކުންފުނީގެ މަންދޫބުން ވަނީ ކިޔައިދެއްވާފައެވެ.

‎ވާވޭގެ ޓީމުން ވަނީ ޑިޖިޓަލައިޒޭޝަންގެ ސަބަބުން ލިބޭ ފައިދާތަކާ ބެހޭ ގޮތުން ވަރަށް ތަފުސީލީ ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅައިދިނެވެ.

މައިގަނޑު ގޮތެއްގައި، މި ޕްރެޒެންޓޭޝަންގައި އަލި އަޅުވާލާފައި ވަނީ ދުނިޔެވީ ގޮންޖެހުންތަކުން އަރައިގަތުމަށް ޑިޖިޓަލް މިންގަނޑަށް ބަދަލުކުރުމުގެ ސަބަބުން ލިބޭ ފައިދާތަކުގެ މައްޗަށެވެ. އެގޮތުން ވާވޭގެ ޓީމުން ވަނީ، ސަރުކާރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށާއި ފެހި އިގްތިސާދު ކުރިއެރުވުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ހޯދައިދޭ ނެޓްވަރކިންގ ހައްލުތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ