ހުޅުމާލެއިން "ޕެޓް ކެއަރ ފެސިލިޓީ"އެއް އެޅުމަށް ބިން ދޫކުރުމުގެ އެއްބަސްވުމެއްގައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމާއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ލީގަލް ޑިރެކްޓަރ ފާތިމަތު ޝިއުނީއެވެ.

ޕެޓް ކެއަރ ފެސިލިޓީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަހައްދުގައެވެ. ޕެޓް ކެއަރ ފެސިލިޓީއަކީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަށް ހަދާ ތަނެކެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢިލް ވިދާޅުވީ ޕެޓް ކެއަރ ފެސިލިޓީއެއް ޤާއިމްކުރެވުމާއެކު، މާލެތެރޭ ބުޅާ ގިނަވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.ޕެޓް ކެއަރ ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމްކުރުމަކީ ފެށުމެއްކަމަށާއި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިފަދަ ފެސިލިޓީތައް ޤާއިމްކުރުން ކަމަށް ޙުސައިން އިސްމާޢިލް ވިދާޅުވިއެވެ.

މާލެތެރޭގައި ބުޅާ ގިނަވެ އެކަމުގެ ކަންބޮޑުވުން ދަނީ އާންމުން ކުރަމުންނެވެ. މި ސަރުކާރުން ބުނެފައިވަނީ ފުރަތަމަ 14 ހަފްތާގެ ތެރޭގައި މިކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.