ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ރާއްޖެއަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ޗައިނާއިން ނިންމާފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލޯންޖުގައި ހުންނަވައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށްޓަކައި މިހާރު އޮތް ޕްލޭން ނުވަތަ ޝެޑިއުލަށް ލުއިތަކެއް ގެނައުމުގައި ދެ ގައުމުގެ އެންމެ އިސްލެވެލްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

ރައީސް ޑރ މުއިއްޒު ވިދާޅުވީ ޗައިނާގެ ރައީސަށް އެކަންތައް ހުށަހެޅުމުން ވަގުތުން ރަސްމީ ވާހަކަފުޅުގައި އެކަމާބެހޭ އިސްވެރިންނަށް އެންގެވި ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ރާއްޖެއަށް ވަރަަށް އަވަހަށް ޓެކްނިކަލް ޓީމެއް ފޮނުވަން ނިންމިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކުގެ ފައިސާ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ދެއްކުމުގައި، ފަސް އަހަރު ދުވަހު ވީހާވެސް ބޮޑަށް "ގްރޭސް ޕީރިއަޑެއް" ލައި ދަމާލަން ހަމަޖައްސަން އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށެވެ.

ރައީސް ވިދާޅުވީ އެކަން މިހާރު ހަމަޖެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ބޮޑު ލުއިތަކެއް ލޯނު ދެއްކުމުގައި ލިބިގެންދާނެ ކަމަށެވެ.