ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ތައިލެންޑް ފަދަ ގައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެއަރޕޯޓްގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.

މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ތަނުގައި އާސަންދައަކީ ހަމައެކަނި ވަކި ތަނެއްގައި، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނުހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޔޫއޭއީއަށާއި ތައިލެންޑަށް ރާއްޖޭގެ އާސަންދަ ފުޅާކުރައްވާނެ ކަމަށެވެ.

"ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެންގެ އާސަންދައަކީ ހަމައެކަނި ވަކި ދިމާލަކުން ހުންނަ، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނުހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް ޔޫއޭއީއަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން،"
ރައީސް ޑރ މުއިއްޒު

ރައާސަންދަ އާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެ ތަންތަނަށް ދަތުރުކުރާއިރު ހުރުމަށްދާ ޚަރަދު ވެސް އާސަންދައިގެ ތެރެއިން ކަވަރުވާނެގޮތް ހެއްދެވުން ކަމަށެވެ.

"މި ގައުމުގެ ހެލްތު ފެސިލިޓީ ތަރައްގީ ވަންދެން ދާނީ މިހާރު އެ ދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅު، ދުބާއީ ކަހަލަ ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް. އެކަމަޑޭޝަން އެކްސްޕެންސަސް ލިބިގެން އާސަންދައިން ކަވަރުވެގެން،" ރައީސް ވިދާޅުވިއެވެ.