ޗާގޯސް ކަނޑު ރާއްޖެއާ މޮރިޝަސްއާ ދެމެދު ބެހުމުން ގެއްލުނު ބައިގެ މައްސަލަ އިންޓަރނޭޝަނަލް ޓްރައިބިޔުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި އިސްތިއުނާފު ކުރަން ނިންމައިފިއެވެ. އެގޮތަށް ސަރުކާރުން ނިންމުމަށްފަހު އެ މައްސަލަގައި ރާއްޖެއިން ބޭރުގެ ކަމާ ގުޅޭ މާހިރުން އެހީތެރިކަންވެސް ދަނީ ހޯދަމުންނެވެ.
މޯލްޓާގެ ލޯ އޮފް ދަ ސީ ޕްރޮފެސަރު ހުށަހެޅި ކަރުދާހުގެ ފުރަތަމަ ކޮޕީ އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ލިބިފައި ކަމަށް ވެސް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެ މައްސަލަގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން އިތުރު އެކްސްޕާޓުންގެ ރިޕޯޓުތަކަށް ބަލާ ތައްޔާރުކުރާ ފައިނަލް ރިޕޯޓް ފެބްރުއަރީ މަހުގެ ފަހުކޮޅު ކެބިނެޓަށް ހުށަހެޅިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި މައްސަލަ އިސްތިއުނާފު ކުރުމަށް ސަރުކާރުން ކޮމިޓީއެއް ވެސް އެކުލަވާލާފައިވާއިރު ސަރުކާރުން މިކަމާއި ގުޅިގެން ކުރިން އެކުލަވާލި ކޮމިޓީގައި އޭޖީ އޮފީހުގެ ވަކީލުންނާއި ޑިފެންސް މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެއެވެ.
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް ދެ ގައުމަށް އިން ކަނޑައަޅާ ނިންމާފައެވެ. އެ ނިންމުން ނިންމާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ.
އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.