ރައީސުލްޖުމްހޫރައީސް ޑރ. މުއިއްޒުގެ ރިޔާސީ ފުރަތަމަ ބަޔާން ފެބްރުއަރީ އަންނަ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު އިއްވާ ގޮތަށް ރައްޔިތުންގެ މަޖިލިހުން ނިންމައިފިއެވެ.

މަޖިލީހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ އަންނަ ދައުރުގެ މަޖިލިސް ޖަލްސާތައް ފެށުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ކަމަށެވެ. ޖަލްސާ ފެށުމަށް ހަމަޖައްސާފައިވަނީ އެދުވަހު ހެނދުނު 9:00 ގައެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އާ ދައުރު ފަށާ އަދި ރައީސް ޑރ މުއިއްްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަން ނިމިފައިވާއިރު މިސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުން އަދިވެސް ރުހުން ދީފައެއް ނުވެއެވެ.

އެހެންނަމަވެސް މަޖިލިހުގައި ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެއީ އެމްޑީޕީގެ 14 މެމްބަރަކު ދާދި ފަހުން ވަނީ އެ ޕާޓީ ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގަތުމާއި ގުޅިގެންނެވެ.

މިހާރު މަޖިލިހުގައި ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވާ 42 މެމްބަރުންނެވެ. އަދި ޑިމޮކްރެޓްސްގައި 13 މެމްބަރުންނެވެ.

މަޖިލިހުގެ މެޖޯރިޓީ ޕާޓީއަކީ އަދިވެސް އެމްޑީޕީއެވެ. މައިނޯރިޓީ ޕާޓީއަކީ ޕީއެންސީއެވެ.

އާ ދައުރަށް މަޖިލިސް ފެށިގެންދާއިރު، މެޖޯރިޓީ ޕާޓީއެއްގެ ގޮތުގައި އަދިވެސް އޮންނާނީ އެމްޑީޕީއެވެ. އެހެންނަމަވެސް މައިނޯރިޓީ ޕާޓީއަށް ދެން ވެގެންދާނީ ޕީއެންސީއެެވެ.