މި ރޯދަމަހު، ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި، ރައްޔިތުންގެ ޑިމާންޑާ އެއްވަރަށް ކާބޯތަކެތި ބާޒާރުން ލިބޭނެ ގޮތްތައް ހޯދުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރިއަށްގެންދާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު (މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ) ޙުސެއިން އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ހުސައިން އިސްމާއީލް މިހެން ވިދާޅުވީ، ރަމަޟާން މަހަކީ ބާޒާރުގައި ތަކެތީގެ އަގު އުފުލިގެންދާ މަހަކަށްވާތީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ބާޒާރުން ލިބޭ ތަކެތީގެ އަގު ކޮންޓްރޯލު ކުރެވޭނެ ކަން ހާމަކުރައްވައި އެކަންތައް ކުރުމަށް ހަމަޖެހިފައިވާގޮތުގެ މައުލޫމާތު ދެއްވަމުންނެވެ.

"ހަލި" ނޫހުން އެ ވުޒާރާގެ މީޑިޔާ މެދުވެރިކޮށް ކޮށްލި ސުވާލަކަށް ޖަވާބު ދެއްވަމުން، ވަޒީރު ހުސައިން އިސްމާއިލް ވިދާޅުވީ ބާޒާރުގައި ތަކެތީގެ އަގުތައް، ރަމަޟާންމަހު އުފުލިގެން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ، ތަކެއްޗަށް އޮންނަ ޑިމާންޑާއި އެއްވަރަށް ތަކެތި ނުލިބުން ކަމުގައެވެ. އެހެންކަމުން، މި ރަމަޟާންމަހަށް ކާބޯތަކެތި، ޚާއްސަކޮށް ރާއްޖޭގައި އުފައްދާ ތަކެތި ބޭނުންވާނެ މިންވަރު ދެނެގަތުމަށް ދިރާސާއެއްކޮށް، ރައްޔިތުންގެ ޑިމާންޑާއި އެއްވަރަށް އެ ތަކެތި ބާޒާރުން ލިބޭނެ ގޮތްތަށް ހޯދުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ހުސައިން އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

"ބާޒާރުގައި ތަކެތީގެ އަގުތައް، ރަމަޟާންމަހު އުފުލިގެން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ، ތަކެއްޗަށް އޮންނަ ޑިމާންޑާއި އެއްވަރަށް ތަކެތި ނުލިބުމެވެ. އެހެންކަމުން، މި ރަމަޟާންމަހަށް ކާބޯތަކެތި، ޚާއްސަކޮށް ރާއްޖޭގައި އުފައްދާ ތަކެތި ބޭނުންވާނެ މިންވަރު ދެނެގަތުމަށް ދިރާސާއެއްކޮށް، ރައްޔިތުންގެ ޑިމާންޑާއި އެއްވަރަށް އެ ތަކެތި ބާޒާރުން ލިބޭނެ ގޮތްތަށް ހޯދުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރިއަށްގެންދާނެއެވެ. ތަކެތީގެ އަގު އުފުލިގެން ދިއުން ކޮންޓްރޯލްކުރުމަށް އިސްވެ ދެންނެވުނުހެން ޑިމާންޑާއި އެއްވަރަށް ސަޕްލައި ކުރެވޭނެ ގޮތްތައް ދިރާސާކޮށް، ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ."
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޙުސެއިން އިސްމާއިލްލް

ކޮންމެ ބާޒާރެއްގައިވެސް މުދަލުގެ އަގު އުފުލޭ އަސްލު މައިގަނޑު ސަބަބަކީ އެތަނެއްގައި އެތަކެތި ބޭނުންވެފައި ތިބޭ މިންވަރު/މީހުންގެ އަދަދަށްވުރެ އެ މުދާ ލިބޭ މިންވަރު ދަށްވުމެވެ. އަދި އެކަމަށް އޮންނާނެ ހައްލަކީ ވަޒީރު ހުސައިން އިސްމާއިލް އެ ވިދާޅުވި ގޮތަށް، ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރެވޭނެ ގޮތްތައް ދިރާސާ ކޮށްގެންނެވެ.