އައިޓީއާއި ފަންނިއްޔަތުގެ ދާއިރާއިން 5 އަހަރުތެރޭ 500 މީހުން ތަމްރީނު ކުރުމަކީ ކިތަންމެ ބޮޑު މަސައްކަތެއްކަމަށްވިޔަސް އެއީ ހާސިލް ނުކުރެވޭނެ އަމާޒެއް ނޫންކަމުގައި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ

ވަޒީރު ވަހީދު މިހެން ވިދާޅުވީ ފަންނިއްޔަތުގެ ދާއިރާއިން އަންހެނުން ބިނާކުރުމާއި، ކޯޑިންގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް ފަށާ ޕްރޮގްރާމްގާއި ގުޅޭގޮތުން ކަމާ ގުޅުން ހުރި ދާއިރާތަކުގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފުރުޞަތަކީ ހަމައެކަނި ސަރުކާރު އޮފީސްތަކަށް މީހުން ހޯދުމަށް ކުރާ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި ވަޒީރު ވަހީދު ވިދާޅުވީ އަމިއްލަ ވިޔަފާރިތަކާއި ފްރީލާންސްކޮށް މަސައްކަތް ކުރަން ބޭނުންވާ ޒުވާނުންނަށްވެސް ކުރިއެރުމަށް ފުރުޞަތު ފަހިކޮށްދެއްވާނެކަމަށެވެ.

"އައިޓީއާއި ފަންނިއްޔަތުގެ ދާއިރާއިން 5 އަހަރުތެރޭ 500 މީހުން ތަމްރީންކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް. މި ދައްކަނީ އަހަރަކު 100 މީހުންގެ ވާހަކަ. މިއީ ހާސިލް ނުކުރެވޭނެ އަމާޒެއް ނޫން." ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވިއެވެ. މިޕްރޮގްރާމްގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި، އެޑްވާންސާއި ޑިޕްލޮމާ އަދި ބެޗެލަރސް ޑިގްރީ ފެންވަރަށް ޒުވާނުންނާއި އަންހެނުން ތަމްރީންކުރާނެއެވެ.

ރާއްޖޭގައި އައިޓީ ދާއިރާގެ ވަރަށް ގިނަ ފުރުޞަތުތައް އެބަހުރިކަން ފާހަގަކުރައްވައި ވަޒީރު ވަހީދު ވިދާޅުވީ ކުރިމަގުގައި ރާއްޖެ ތަރައްގީ ވެގެން އަންނައިރު އައު އީޖާދީ ވިސްނުންތެރިން ބޭނުންވާ ކަމަށެވެ. އަދި މިދާއިރާގައި ގިނަ ބަޔަކު ރާއްޖެ ދޫކޮށް ދާން ދިމާވާ އެއް ސަބަބަކީ، އެމީހުންގެ ހުނަރު ދައްކާލުމަށް އެކަށީގެންވާ ފުރުޞަތު ނުލިބުމާއި އެމަސައްކަތަށް އެކަށޭނަ އުޖޫރައެއް ނުލިބުންކަމަށްވެސް ވަޒީރު ވަހީދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ފަށާ މިޕްރޮގްރާމަކީ ދުރުރާސްތާގައި ރާއްޖޭގެ އައިޓީ ދާއިރާއިން ބޮޑު ބަދަލެއް ފެންނާނެ މަސައްކަތެއް ކަމަށް ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވިއެވެ.

ވަޒީރު ވަހީދު ވިދާޅުވި ގޮތުގައި މީހުން ބިނާކުރުމުގެ މިޕްރޮގްރާމަކީ ސިލްސިލާ ޕްރޮގްރާމެކެވެ. ވޯކިން ސެޝަންތަކާއި ހެކަތޯނެއްވެސް މިމަހު ލޯންޗްކުރާނެކަން ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން ހެކަތޯން އޮންނާނީ އަންނަ މަހު ކަމަށާއި ރަނގަޅު މަސައްކަތެއް ކުރެވިއްޖެނަމަ، އައިޓީގެ ވަރުގަދަ ސިކުނޑިތައް ރާއްޖޭގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.