ޑްރޫ ބޭރީމޯރ ފިލްމީ ދާއިރާއަށް ނުކުތީ 1982 ވަނަ އަހަރުއެވެ. އޭނާ އެދާއިރާއަށް ނުކުތީ "އީ.ޓީ. ދަ އެކްސްޓްރާ ޓެރެސްޓްރިއަލް" ފިލްމުންނެވެ. އެ ފިލްމުގައި ލޯބިލޯބި ގަރޓީގެ ރޯލު ކުޅެ އޭނާ ވަނީ އެތައް ބައެއްގެ ހިތް އަތުލައިގެންފައެވެ.

ޑްރޫގެ އުމުރުން މިހާރުވަނީ 45 އަހަރު ވެފައެވެ. މީގެ ތެރެއިން 39 އަހަރު އޭނާ ހޭދަކުރައްވާފައިވަނީ ހޮލީވުޑްގައެވެ. މި މުއްދަތުގައި އޭނާ ވަނީ ހޮލީވުޑް އަދި ޝޯ ބިޒްނަސް ތަކުން ލިބިފައިވާ އެންމެ ކާމިޔާބު އަދި އެންމެ ނާކާމިޔާބު ފިލްމު ތަކާއި ޝޯތައް ތަޖުރިބާ ކޮށްފައިއެވެ.

ބޭރުގެ ނޫހެއް ކަމުގައިވާ "ޖޭއެމްއޯ ކޮންފިޑެންޝަލް" އަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ވަނީ ހޮލީވުޑް ގައި ހޭދަ ކުރި އަހަރުތަކުގައި ވަރަށް ބޮޑެތި ފިލާވަޅުތައް ދަސްވެ ގިނަގުނަ ތަޖުރިބާތައް އޭނާއަށް ލިބިފައިވާ ކަމަށް ބުނެފައެވެ.

އޭނާ ބުނެފައިވާ ގޮތުގައި މި އިންޑަސްޓްރީ އަށް ވަން ދުވަހުން ފެށިގެން މިއަދާ ހަމައަށް އެ އިންޑަސްޓްރީން ވަނީ އޭނާއަށް ވަރަށް ގިނަ ކަންކަމާއި ފިލާވަޅުތަކެއް ދަސްކޮށްދީފައެވެ. އޭނާއަށް ނިންމުނު ބައެއް ގޯސް ނިންމުންތަކުގެ ސަބަބުން ބައެއްފަހަރު ފިލާވަޅުތައް ވަރަށް ހަރުކަށިގޮތުގައި ވެސް ދަސްވެފައި އެބަހުރި ކަމަށް ވެސް ވަނީ ބުނެފައިއެވެ.

"އެއްވެސް މީހެއްގެ ހަޔާތަކީ އެންމެ ފުރިހަމަ ހަޔާތެއް ނޫން، ހަޔާތުން ވޭތުވާ ކޮންމެ ދުވަހަކީ ވެސް އާ ކަންކަން ދަސްވެ އެތައް ކަމެއް ތަޖުރިބާ ކުރެވިގެން ދާ ދުވަހެއް. އެގޮތުން އަހަރެން ވެސް މިދަނީ ކޮންމެ ދުވަހަކު އާ ކަންކަން ދަސްކުރަމުން،" އޭނާ ބުނެފައިވެއެވެ. މިހާރު އަމިއްލަ ޓޯކް ޝޯއެއް ހިންގާ ޑްރޫ މިވަނީ އޭނާ މާޒީގައި ތަޖުރިބާ ކޮށްފައިވާ ހިތި ހަނދާން ތަކެއް ވެސް މި އިންޓަވިއުގައި ހިއްސާ ކޮށްފައެވެ.

ޅައުމުރުގައި ފިލްމީ ދާއިރާއަށް ނިކުމެ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެން ދިއުން ވެގެން ދިޔައީ ފުރާވަރުގެ އުމުރުގައި މަސްތުވާތަކެތީގެ ވަބާއަށް ހެއްލި އުމުރުން އެންމެ 13 އަހަރުގައި ރިހެބް ސެންޓަރަކަށް ދާންޖެހުނު ސަބަބެވެ. އޭނާ ވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ މީހުންނަށް ފަރުވާދޭ ތަނެއްގައި އެއް އަހަރާ 6 މަސް ދުވަސް ހޭދަކޮށްފައެވެ. އެތަނުން އޭނާ ދޫކޮށްލުމުން ވަނީ އަމިއްލައަށް މަރުވާން އުޅެފައެވެ. އެހެންކަމުން އަލުން އޭނާ ރީހެބް ސެންޓަރަށް ފޮނުވާލިއެވެ.

މީގެ އިތުރުން އުމުރުން އެންމެ 14 އަހަރުގައި އޭނާ ވަނީ އޭނާގެ މައިންބަފައިންނާއެކު އުޅުމަށްވުރެން ވަކިން އެޅުމުން އޭނާއަށް މާ ފައިދާ ކުރާނެ ކަމަށް ކޯޓުގައި ސާބިތު ކޮށް އޭނާގެ މައިންބަފައިންގެ ގެ ދޫކޮށް އަމިއްލަ ތަނެއް ހޯދައި އެތާގައި ދިރި އުޅެން ފަށާފައިއެވެ. ޑްރޫ ބުނެފައިވާ ގޮތުގައި ހަޔާތުގައި އޭނާއަށް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ އެހެންމީހަކާ އެކު ދެކެވޭ ވާހަކައެއް މުޅި ދުނިޔެއަށް އެންގުމުގެ ބަދަލުގައި އެ ވާހަކަ އަކީ އެދެމެދުގައި އޮންނަ ސިއްރެއްގެ ގޮތުގައި ބޭއްވުމުގެ މުހިއްމުކަން ކަމަށެވެ. އޭނާ މިހެން ބުނެފައިވަނީ އޭނާގެ ޓޯކް ޝޯ ޑްރޫ އޮސްޓްރޭލިއާގެ ސްކްރީނަށް މިއަހަރު އަންނަކަމަށް ބުނިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

މި ޝޯ ދައްކަން ހަމަ ޖެހިފައިވަނީ ފޮކްސްޓެލް ގެ ޗެނަލެއް ކަމުގައިވާ "އަރެނާ" އިން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ޝޯގެ އެންމެ ފުރަތަމަ އެޕިސޯޑް ވެގެންދާނީ " ޗާލީޒް އޭންޖަލްސް" ގެ ރީޔޫނިއަން އަކަށެވެ. މި އެޕިސޯޑުން ފެނިގެންދާނީ ކެމަރޮން ޑިއާޒް ގެ އިތުރުން ލޫސީ ލިއު އެވެ. މި ޝޯގައި" ޑިޒައިންޑް ބައި ޑްރިއު" އަދި" ޑްރޫ ނިއުސް" ފަދަ ޝައުގުވެރި ގިނަ ސެގްމެންޓްތަކެއް ހިމެނެއެވެ.

ޑްރޫގެ ހިންގުތެރި ކަމާއި ތެދުވެރިކަމުގެ އިތުރުން ހިތްތިރިކަމުން އޭނާ ވެގެން ގޮސްފައިވަނީ އޮސްޓްރޭލިއާގެ ގިނަ އަންހެނުންނަށް ނަމޫނާ ކަނބަލަކަށެވެ.