މައުލޫމާތު ބަދަލުވެފައިވާ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ފަހުން އައިޑީ ކާޑް ހަދައި ދޭނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓު ނުލެވުނަސް އެކަމުގެ އިއުތިރާޒު ނުކުރާނަމަ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނެފިއެވެ.

ޑީއެންއާރުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށް 18 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާ ނަމަ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން އައިޑީކާޑު ހަދަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަދި އަންނަ ހޯމަ ދުވަހުން ފެށިގެން 18 އަހަރުން މަތީ ފަރާތްތަކަށް މައުލޫމާތު ބަދަލުވެގެން ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑު ހަދައި ދެވޭނީ އެ ފަރާތްތަކަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވުނު ނަމަވެސް އެ ފަރާތްތަކުން އިއުތިރާޒް ނުކުރާ ކަމުގައިވާ ނަމަ ކަމަށް ވެސް ޑީއެންއާރުގެ އިއުލާންގައިވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު ކުރިޔެކޭވެސް އެއްފަދައިން 18 އަހަރުން މަތީ ފަރާތްތަކުގެ މައުލޫމާތު ބަދަލުކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދެމުން ދާނެ ވާހަކަވެސް ދެންނެވީމެވެ." ޑީއެންއާރުގެ އިއުލާންގައިވެއެވެ.