ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ ދާދި ފަހުން މިވަނީ އޭނާގެ ފިލްމީ ކެރިއަރ ފެށުނުގޮތް ހަނދާން ކޮށްފައިއެވެ. އެއީ މީގެ 20 ވަރަކަށް އަހަރު ކުރިންނެވެ. 2000 ވަނަ އަހަރުގެ މިސް ވޯރލްޑް ގެ ލަގަބު ހޯދާފައިވާ ޕްރިޔަންކާ ޗޯޕްރާ ބުނާގޮތުގައި އޭނާއަށް ފިލްމް އިންޑަސްޓްރީއަށް ވަދެވުނީ އޮޅިގެން ކަމަށެވެ.

"ވެރައިޓީޒް އެވޯރޑްސް ސަރކުއިޓް ޕޮޑްކާސްޓް" ގެ އާ އެޕިސޯޑުގައި ޕްރިޔަންކާ ބުނެފައިވަނީ އޭނާގެ މަންމަގެ އިތުރުން ބައްޕައަކީ ވެސް ފިޒިޝަނުން ކަމަށެވެ. އެހެންކަމުން އެނާ ފަދަ އެކަޑަމިކް އާއިލާ އަކުން އައިސްފައި ހުރި މީހެއް އެކްޓަރަކަށް ވެދާނެ ކަމަކަށް އޭނާ އުންމީދު ނުކުރާ ކަމަށެވެ.

ވާހަކަ ފަށަމުން ޕްރިޔަންކާ ބުނެފައިވަނީ އޭނާ މިދާއިރާއަށް ވަދެވިފައިވަނީ އިއްތިފާގަކުން ކަމަށެވެ. އަދި "ބިއުޓީ ޕަޖެންޓް " އެއްގައި ބައިވެރިވެގެން މިސް ވޯރލްޑްގެ ލަގަބު ލިބުނު ފަހުން އޭނާއަށް އިންޑިއާގެ ފިލްމަތަކެއް ކުޅުމުގެ ފުރުސަތު ލިބުނު ކަމަށާއި އޭރު އޭނާއަކީ އެކްޓިންއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ މީހެއްނޫން ކަމަށް ވެސް ބުނެފައިވެއެވެ. އެހެންކަމުން އޭނާގެ އެކްޓިން ސްކޫލަކަށް ވެގެން ދިޔައީ ފިލްމު ޝޫޓްކުރާ ސެޓު ކަމަށެވެ.

"އަހަރެން ދިޔައީ މަޑުމަޑުން އެކްޓިން އާ ބެހޭގޮތުން ހުރިހާ ކަމެއްވެސް ދަސް ކުރަމުން، ފަހުން އަހަންނަށް އިހުސާސްވީ އަހަރެން މިކަމަށް ހަގީގަތުގައި ވެސް މޮޅުކަމަށް،"
ޕްރިޔަންކާ

ޕްރިޔަންކާ އެންމެ ފުރަތަމަ ފިލްމަކުން ފެނިފައިވަނީ 2002 ވަނަ އަހަރު ނިކުތް ތަމަޅަ ފިލްމެއް ކަމުގައިވާ "ތަމީޒްހާން" އިންނެވެ. ޕްރިޔަންކާ ވަނީ "ދަ ސްކައި އިޒް ޕިންކް" އާއި "ކްރިޝް" އަދި "ބޭވޮޗް" ފަދަ މަޝްހޫރު ފިލްމު ތަކެއް ކުޅެފައިއެވެ. ޕްރިޔަންކާ ދަނީ މިއަހަރު ނިކުންނަން ހަމަ ޖެހިފައިވާ އޭނާގެ ފިލްމު "ދަ މެޓްރިކްސް" ގެ ތައްޔާރީތައް ވަމުންނެވެ.