ޑެންމާކުން 13.26 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ޔޫކްރޭނަށް ހަދިޔާ ކޮށްފިކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީއިން ބުނެފިއެވެ.

ރަޝިޔަން ނޫސް އޭޖެންސީ ޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުން ޑެންމާކުން ދިން މި އެހީ އަކީ ޔޫކްރެއިންގެ ސައިބާރ ސެކިއުރެޓީ ވަރުގަދަ ކުރުމަށް ދިން އެހީއެކެވެ. "މި ހަދިޔާއަކީ އެސްޓޯނިއާ-ލަކްޒަމްބަރގް އިސްވެ އޮވެ ޔޫކްރޭނަށްޓަކައި ހަދައިފައިވާ އައިޓީ ކޯލިޝަންގެ ބެލުމުގެ ދަށުން ކުރާ ހަދިޔާއެއް" އެ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައިބުނެފައިވެއެވެ.

ފާހަގަ ކުރެވޭ ގޮތުގައި ޑެންމާކާއި އައިޓީ ކޯލިޝަންގެ އެހެން މެމްބަރުން ވަނީ ޔޫކްރޭންގެ ދިފާއީ ކަންކަމާބެހޭ ކޮންޓެކްޓް ގްރޫޕްގެ ބައްދަލުވުމާ ގުޅިގެން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފަ އެވެ. ޑެންމާކުގެ އިތުރުން މި ކޯލިޝަންގެ ތެރޭގައި އައިސްލޭންޑް، އިޓަލީ، ލެޓްވިއާ، ލިތުއޭނިއާ، ލަކްޒަމްބަރގް، ނެދަލެންޑްސް، ޔޫކްރޭން އަދި އެސްޓޯނިއާ ހިމެނެއެވެ. މިވަގުތު ލަކްޒަމްބާގް އަދި އެސްޓޯނިއާ އިން ވެސް ވަނީ ޔޫކްރޭނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

"މި ހަދިޔާއަކީ ޔޫކްރޭންގެ ސައިބަރ ޑިފެންސް ހަރުދަނާކުރުމަށް ދިގު މުއްދަތަކަށް ދޭ އެހީތެރިކަމެއް،" ޑެންމާކުގެ ޑިފެންސް މިނިސްޓަރު ޓްރޮއެލްސް ލަންޑް ޕައުލްސަން ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ޑެންމާކުން ވަނީ އަސްކަރީ ބޭނުންތަކަށް ޔޫކްރޭނަށް ގާތްގަނޑަކަށް 4.3 ބިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.