ދެހާސް އަށްވަނަ އަހަރު ބޭއްވި އޮލިމްޕިކްސް މުބާރާތުން 4 މެޑަލް ހޯދާފައިވާ އެމެރިކާގެ ތަރި ޝޯން ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރު ވަމުން އަންނަ ޝޯން ވަނީ އާދިއްތަ ދުވަހު އިންސްޓަރގްރާމް ސްޓޯރީ މެދުވެރިކޮށް އޭނާގެ ކޮވިޑް ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ކަމަށް ބުނެފައެވެ.
އޭނާ ބުނެފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްކަން އެނގުމުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އޭނާގެ ފުރަތަމަ ދަރިފުފުޅު "ރެސްޕިރޭޓަރީ ސިންސިޓިކަލް ވައިރަސް" އަށް ޑައިގްނޯޒްވި ފަހުން ފާއިތުވެ ދިޔަ ދެހަފްތާގައި އޭނާ އުޅުނީ ވަރަށް ބުރަކޮށް ކަމަށް ވެސް ބުނެފައިވެއެވެ. މިހާރު އޭނާގެ ހަށިގަނޑު ވަނީ ވަރުބަލިވެފައި ކަމަށް ވެސް ބުނެފައިވެއެވެ.
ޝޯންގެ ކަންބޮޑުވުންތައް ހިއްސާ ކުރަމުން ބުނެފައިވަނީ އެންމެ ކަންބޮޑުވަނީ އޭނާގެ ސަބަބުން އާއިލާގެ ސިއްހަތަށް ވެސް އަސަރު ކޮށްފާނެތީ އެވެ. އޭނާއަކީ ކުޑައިރުން ފަށައިގެން އަސްތަމާ ހުންނަ މީހެއް ކަމަށް ވެސް ބުނެފައިވެއެވެ. އޭނާއާ ވަރަށް ގާތް މީހަކު ވެސް ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އެކަމާ ވެސް އޭނާ ހުރީ ކަންބޮޑުވެފައެވެ.
މިހާ ތަނަށް އޭނާގެ ގައިން ފެނިފައިވާ އަލާމާތްތަކަކީ ބޮލުގައި ރިއްސުމާއި ކަރު ސަކަރާތް ވުމުގެ އިތުރުން ވަރުބަލިކަން އިހުސާސް ވުމެވެ. އެކަމަކު މިއީ މާބަނޑު ވުމުން ދިމާވާ ކަންކަން ކަމަށްވެސް ޝޯން ބުނެފައިވެއެވެ.
މި ވާހަކަތައް ހިއްސާ ކުރީ މީހުންގެ ހަމްދަރުދީ ހޯދަން ނޫންކަމަށާއި މި އީ އެންމެން ވެސް އެމީހެއްގެ އަމިއްލަ ނަފްސަށް އަޅާލާން ހަނދާންކޮށްދިނުމުގެ ގޮތުން ދެއްކި ވާހަކަތަކެއް ކަމަށް ޝޯން ބުނެފައިއެވެ. ނިންމާލަމުން ޝޯން ވަނީ އެންމެން ވެސް ގިނައިން ފެން ބޮއި ރަނގަޅަށް އަތް ދޮންނަން އާދަކުރުމަށް ހަނދާންކޮށްދީފައެވެ.