އެމްއެންޑީއެފްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ގެންނަ ޑޯނިއަރ މަތިންދާބޯޓު ރާއްޖެ ގެނެސްފިއެވެ.

ދިވެހި ދިދައާއި ކުލަތައް އަދި ޤައުމީ ދިފާއީ ބާރުގެ ނަން ބޭރުގައި ޖަހާފައިވާ މި މަތިންދާބޯޓުގައި ޕައިލެޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެމްއެންޑީއެފްގެ އޮފިސަރުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިމަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

ކިޔާލުމަށް: ޑޯނިއާ މަތިންދާ ބޯޓަކީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޮޑު ފަސޭހައެއް

މީގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާ މަނާ ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމާއި އަދި ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށް މި މަތިންދާބޯޓު ބޭނުން ކުރެވިގެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އަދި އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް މި މަތިންދާބޯޓު އެމްއެންޑީއެފުން ބޭނުން ކުރާނެއެވެ.

މިއަދު ރާއްޖެއަށް ގެނައި ޑޯނިއަރ މަތިންދާބޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައާއި، ކަނޑުމަތީގައި ހިންގާ ޤަވާޢިދާޚިލާފު ކަންތައްތައް ހުއްޓުވުމުގައާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިޘާތަކުގައި އެހީވުމާއި އަދި ދިވެހިރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

2009 ވަނަ އަހަރުން ފެށިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ޖުމްލަ 54 އޭރިއަލް ސަވައިލަންސް އޮޕަރޭޝަން ހިންގާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.