އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީ ބުނަނީ ދަރިފުޅު ލިބުނު ފަހުން އޭނާގެ ހަޔާތް ބަދަލު ވެއްޖެ ކަމަށެވެ.

އިންސްޓަގްރާމް ލައިވެއްގައި ކެޓީ ޕެރީ ވަނީ އޭނާގެ ފަސްމަހުގެ ދަރިފުޅުގެ ވާހަކަ ދައްކައިފައެވެ. އެ ލައިވްގައި އޭނާ ވަނީ ދަރިފުޅުގެ ސަބަބުން ހަޔާތް ބަދަލުވެފައިވާވަރު ބަޔާންކޮށްދީފައިއެވެ.

"ދަރިފުޅުގެ ސަބަބުން އަހަރެންގެ މުޅިހަޔާތް ބަދަލުވެއްޖެ އަދި ދަރިފުޅު ދަނީ އަހަރެންގެ ހަޔާތް ބަދަލު ކުރަމުން،“ ކޭޓި ޕެރީ ބުނެފައިވެއެވެ.

މައިވަންތަ ކަމުގެ ކުލުނާއި ލޯބީގެ ސަބަބުން ދިރި އުޅުމުގެ ކޮންމެ ދުވަހަކީ ވެސް އަގުހުރި އެހާމެ މުހިންމު ދުވަހެއް ކަމަށް އިހުސާސްވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. މިއީ ވަރަށް މުހިންމު ވަގުތު ކޮޅެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ދުވަސްތަކެއް ކުރިން ކެޓީ ޕެރީ ވަނީ މަންމަ އަކަށް ވުމުން ދިމާވާ ގޮންޖެހުންތައް ވެސް ޓުވީޓަރ މެދުވެރިކޮށް އެހެން މީހުންނާ ހިއްސާކޮށްފައެވެ. އޭނާ އެފަހަރު ބުނެފައިވަނީ މީހުންނަށް ހީކުރެވިފައިވާ އެންމެ ބޮޑު ކުށްހީއަކީ، މަންމައިން އަދާ ކުރަނީ ފުލްޓައިމް ޖޮބެއް ނޫން ކަމަށެވެ. ވިހައިގެން ދުވަސްތަކަކަށްފަހު މަންމައިން ވަޒީފާއަށް ދާނަމަ އޭނާ އެއައީ ޗުއްޓީ ހަދާފައި ނޫންކަމަށް ވެސް ބުނެފައިވެއެވެ. އޭނާ އެއައީ މަންމައެއްގެ ގޮތުގައި ފުލްޓައިމް ޖޮބެއް އަދާ ކޮށްފައި ކަމަށް ކެޓީ ޕެރީ ވަނީ ބުނެފައިއެވެ.

ކޭޓީ ޕެރީއަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާއަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. ދަރިފުޅަށް ދީފައިވާ ނަމަކީ "ޑެއިޒީ ޑޯވް ބްލޫމް" އެވެ.