ލަވަކިޔާހިތްވޭ ހެއްޔެވެ؟ އެކަމަކު ފުރުސަތެއް ނުލިބޭތީ ތިހިރީ ދެރަވެފައި ކަމަށް ވަންޏާ މިއުޅެނީ ހައްލެއް ބުނެދޭށެވެ. ކެރިއޯކޭ އަކަށްވެސް ނުގެންދަނީ ކަމުގެ ޝަކުވާ ދެން ކުރާކަށް ނުޖެހޭނެއެވެ. ދި އެފްގެ ބޮކިފަތިން ޖާގަ ނުލިބުނީތީ ދެރަ ނުވާށެވެ.

މިހާރު މި އެޕްގެ ވާހަކަ ނޭނގޭ ދިވެހިން މަދުވާނެއެވެ. ލަވަކިޔާހިތްވާނަމަ އަވަހަށް މި އެޕް އަޅާށެވެ. ކެރިއޯކޭ އަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ޔަގީނުންވެސް "ސްޓާމޭކާ" ނޭނގި ނުދާނެއެވެ. މިއީ މިހާރު ދިވެހިންގެ ތެރޭގައިވެސް ނުހަނު މަގްބޫލު އެޕެކެވެ.

"ސްޓާ މޭކާ" އެޕްލިކޭޝަނަކީ ހަމައެކަނި ލަވަކިޔުމަށް ހާއްސަ ނަމަވެސް އެހެން ގިނަ އެތައް ކަމެއްވެސް ހިމެނޭ އެޕެކެވެ. ސްޓާ މޭކާ ބޭނުންކުރާ ފަރާތްތަކާ ސުވާލުކޮށްލުމަށް އެނގުނީ މިއީ ރަނގަޅު ރައްޓެހިންވެސް ލިބޭ އެހާމެ ގުޅުން ރަނގަޅު މާހައުލެއް އޮންނަ އެޕެއްކަމެވެ.

ކޮންމެެއަކަސް ކޮންމެ ވަގުތެއްގައިވެސް ހިތްހަމަޖެހޭ ފަދަ ރައްޓެހިން ލިބޭ ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން އުޅޭއިރު ކޮންމެ ބަޔަކާވެސް ހިޔާލު ބަދަލުކޮށްލެވޭ މި އެޕަކީ ކެރިއޯކޭ އަށް ހާއްސަކޮށްފައިވާ އެޕެއް ނަމަވެސް މިއިން ފުރިހަމަ ވަނީ ލަވަކިޔާހިތްވުމުގެ އުއްމީދު އެކަންޏެއް ނޫނެވެ.

އެކަނިވެރި ވަގުތުތަކުގައި ރަނގަޅު ހެޔޮލަފާ އެކުވެރިންގެ އެހީތެރިކަން އަބަދުމެ ލިބެއެވެ. ބޭނުންވާ ކޮންމެ ގަޑިއެއްގައިވެސް ކޮންމެވެސް އެއްދިމާއަކުން ކޮންމެވެސް އެއް އެކުވެރިޔެއްގެ އެހީ ލިބެއެވެ. ކާއެއްޗެއް ހަދަން ބޭނުން ވެއްޖެ ހިނދެއްގައި ރެސިޕީ ލިބެއެވެ. ސަކަ މިޒާޖުގެ ސަމާސާ ކުރާ ބައިވެރިންގެ ތެރޭގައި އުޅުމުގެ ސަބަބުން ހިތްހަމަނުޖެހުންތަކާއި ހިތާމަތައް ހަނދާންނެތިދެއެވެ. އަދި ހަމައެހެންމެ އާއުއްމިދުތަކާއި އާހިޔާލުތަކާއި މުޅިންވެސް ތަފާތު ދިމާއަކަށް މިޒާޖު ބަދަލުކޮށްލައެވެ.

ސްޓާ މޭކާ ބޭނުން ކުރާ މީހުންގެ ހިޔާލަކީ މި އެޕަކީ ވަރަށްވެސް ހިތްހަމަޖެހޭ އެޕެއް ކަމެވެ. ފޭސްބުކާއި ޓުވިޓާފަދަ ތަންތަނާ ތަފާތުކޮށް މިއީ ބޮޑުބައި އަޑުން ހިންގާ އެޕަކަށް ވެފައި ވީޑިއޯ ލެވޭގޮތަށް ހުންނައިރުވެސް ވީޑިއޯއަށްވުރެ ގިނަ މީހުން ވަގުތު ހޭދަ ކުރަނީ އޯޑިއޯތަކުން މުއާމަލާތް ކުރުމުގައެވެ.

2014ގައި ސެންފްރެންސިސްކޯގައި އާންމުކޮށް ތައާރަފު ކުރެވިގެން ދިޔަ ސްޓާމޭކާ އެޕަކީ މުޅި ދުނިޔޭގައި ދެވަނައަށް އެންމެ މަޝްހޫރު އަދި ދެވަނައަށް އެންމެ ކާމިޔާބު ކެރިއޯކޭ، ލަވަކިޔުމަށް ހުޅުވިފައިވާ އެޕެކެވެ. 20 މިލިއަނަށްވުރެ ގިނަ މީހުން ދުނިޔޭގެ އެކިިތަންތަނުން ބޭނުން ކުރަމުން އަންނަ ސްޓާމޭކާއަށް ވީޑިއޯއެއް އެޅުމަކީ ހަމަ އެއްވެސް ކަމެއް ނޫނެވެ. ޔޫޓިއުބުގައި ޗެނަލެއް ހެދުމަށްފަހު އަމިއްލައަށް ވީޑިއޯއެއް ތައްޔާރުކޮށްގެން މިއެޕަށް ހުށަހެޅިދާނެއެވެ.

ސްޓާމޭކާ އުފެއްދި ޖެފްޑެނިއެލް އަދި ނަތަން ސެޑްލޭންޑާ 2018ގައި، ސްޓާމޭކާގެ ކުންފުނި ކަމަށްވާ ޗައިނާގެ ބެއިޖިންގެ ކަންލަން ޓެކް ކުންފުނި ދޫކޮށްލި ނަމަވެސް މިއީ މިވަގުތު ދުނިޔޭގައި އޮތް އެންމެ އިތުބާރު ކުރެވޭ އެއް ކުންފުނިން ހިންގާ އެޕަކަށް ވުމަކީ ވެސް މީހުންގެ ޔަގީންކަން ސްޓާމޭކާއަށް ލިބިގެންދާ ކަމެކެވެ.

(ސްޓާމޭކާ މައުލޫމާތުތަކުން)