މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ ވިރާޓް ކޯލީ އާއި އަންހެނުން (ބޮލީވުޑްގެ މަޝްހޫރު ބަތަލާ) އަނުޝްކާ ޝަރްމާ އެމީހުންގެ އަލަތު ދަރިފުޅުގެ ނަން ހާމަކޮށްފިއެވެ.

މިދިޔަ މަހު އުފަންވި އަންހެން ދަރިފުޅުގެ ނަން މިހާތަނަށް އެމީހުން ހާމަ ކޮށްފައެއް ނުވެއެވެ. އެ ކުއްޖާގެ ނަން ހާމަކުރި އުމުރުން އެއްމަސް ފަހުންނެވެ. އެ ކުއްޖާއަށް ކިޔާ ނަން އަނުޝްކާ ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައެވެ. އިންސްޓަގްރާމުގައި އޭނާވަނީ ދަރިފުޅާއި ފިރިމީހާ ވިރާޓްއާއެކީ ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކޮށްފައެވެ. ދަރިފުޅުގެ ނަން ހާމަކޮށްފައިވަނީ އެ ފޮޓޯގެ ކެޕްޝަންގައެވެ. އެމީހުންގެ ދަރިފުޅަށް ދީފައިވާ ނަމަކީ ވަމިކާ އެވެ.

އަނުޝްކާ ވަނީ މި ޕޯސްޓުގައި އޭނާގެ އިހުސާސްތައް ބަންޑުން ކޮށްފައެވެ. އަނުޝްކާ ބުނެފައިވަނީ އެމީހުން ދިރިއުޅެމުން އައީ ލޯތްބާއި އޯގާތެރިކަމުން ފުރިގެންވި ދިރިއުޅުމެއްގައި ކަމަށެވެ. ދަރިފުޅު ވަމިކާގެ ސަބަބުން އެ ހުރިހާ ކަމެއްވެސް އެހެން ހަރުފަތަކަށް ގޮސްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އުފަލާއި މަޖަލާއި ކަންބޮޑުވުން މި ހުރިހާ އިހުސާސްތަކެއް އެއްފަހަރާ ކުރިމަތިލާންޖެހޭ ފަހަރު އައިސްފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ހަމަ ނިދި ނުލިބުނު ނަމަވެސް އެމީހުންގެ ހިތްތައް ވަނީ އުފަލުން ފުރިފައި ކަމަށް ވެސް ބުނެފައިވެއެވެ. އަނުޝްކާ ވަނީ މީހުން ފޮނުވާފައިވާ ހެޔޮ ދުއާއާއި މަރުހަބާގެ މެސެޖު ތަކަށް ޝުކުރު އަދާ ކޮށްފައެވެ.

ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ މި ޕޯސްޓަށް ކޮމެންޓް ކޮށްފައެވެ. އޭގެތެރެއިން އެންމެގިނަ ބަޔަކު އަޅައިގަތީ ވިރާޓް ކޯލީ މި ޕޯސްޓަށް ކޮށްފައިވާ ކޮމެންޓެވެ.

ވިރާޓް ބުނެފައިވަނީ އެންމެ ފޮޓޯއަކުން މި ފެންނަނީ އޭނާގެ މުޅި ދުނިޔެ ކަމަށެވެ. މި ކޮމެންޓަށް ވަނީ 34 ހާހަށް ވުރެން ގިނަ ލައިކްސް ލިބިފައެވެ.

ވިރާޓްއާއި އަނުޝްކާ ވަނީ ދަރިފުޅު އުފަން ވުމާއެކު ދަރިފުޅުގެ ފޮޓޯ ނުނެގުމަށް އެދި ބަޔާނެއް ނެރެފައިއެވެ. އެހެންކަމުން މިއީ އެމީހުންގެ ދަރިފުޅުގެ ފޮޓޯއެއް އާއްމު ކުރި ފުރަތަމަ ފަހަރެވެ.

މިދެތަރިންނަށް ކުއްޖަކު ލިބެން އުޅޭކަން މީޑިއާއަށް އަންގާފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހުގައެވެ.

މިދެތަރިން އެންމެ ފުރަތަމަ ދިމާވެފައިވަނީ އެމީހުން ކުޅުނު ޝޭމްޕޫ އިޝްތިހާރެއްގެ ތެރެއިންނެވެ. ގިނަ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނީގެ ގޮށް ޖަހާފައިވަނީ 2017 ވަނަ އަހަރު އިޓަލީގައެވެ.