ކެޓް ޝެލްޓާ އެޅުމަށް ހަމަޖެހިފައިވާ ބިން މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފިއެވެ.

އެ ސިޓީ ކައުންސިލާއި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުއެވެ.

މި ކަމަށްޓަކައި ސިޓީ ކައުންސިލަށް މިއަދު ހުޅުމާލެ އިން 5،000 އަކަފޫޓުގެ ބިމެއް ހަވާލުކޮށްފައި ވާއިރު އެކައުންސިލުން ބުނީ މި މަޝްރޫއު ހިންގުމަށްޓަކައި އިތުރު 1،800 އަކަފޫޓް ލިބޭނެ ކަމަށެވެ.

އަދި ހުޅުމާލޭގައި ކެޓް ޝެލްޓާ ތަރައްޤީކޮށް ނިމުމުމް މާލެ ސަރަހައްދުގައި ގިނަވެގެން އުޅޭ ބުޅާތަކުގެ ސަބަބުން އާންމުންނަށް ކުރިމަތިވާ އުދަގޫތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

ހުޅުމާލޭގައި ކެޓް ޝެލްޓާ ތަރައްގީ ކުރަނީ ބުޅާތަކާ އެކު އާންމުންނަށް ވަގުތު ހޭދަކުރެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކަކާއި ކެޓް ޝޮޕެއް ވެސް ހިމެނޭހެންނެވެ.

މީގެ އިތުރުން ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދިރޭތަކެތި ބެލެހެއްޓުމަށްވެސް ތަނެއް ހެދުމަށް ހަމަޖެހިފައި ވެއެވެ.

މާލެ ސަރަހައްދުގައި ކެޓް ޝެލްޓާއެއް ތަރައްގީ ކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދެކެވެ.